އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ކަނޑުމަހުން ޓެރިފް ކަނޑާލާތީ ރައީސްގެ ޝުކުރު!

އަޙްމަދު ސަދޫފް މޫސާ

SHARE
މާދަމާ އިން ފެށިގެން އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އެ ގައުމުން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މިކަމަށް މަރުހަބާ ވިދާޅުވީ އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ކަނޑުމަހުން ޓެރިފް ކަނޑާލަން ނިންމައިފައިވާކަން ހާމަކުރައްވައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ނިކް ލޯ ދެއްވި "އެކްސް"ގައި ކުރެއްވި ޕޯސްޓަކަށް އިޝާރަތްކުރައްވައި، ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އިނގިރޭސި ހައިކޮމިޝަނަރުގެ ޕޯސްޓުގައި ވިދާޅުވީ، މި ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް އަގުހެޔޮކޮށް މަހުގެ ބާވަތްތައް ލިބުމުގެ މަގު ފަހިވާނެ ކަމަށެވެ. އަދި މީގެ އިތުރުން، ރާއްޖެއިން ބާނާ ދެމެހެއްޓެނިވި، ދޮށީގެ މަސްވެރިކަމުގެ އުފެއްދުންތަކަށް އިނގިރޭސި މާކެޓުގައި އޮތް ފުރުސަތުތައް މިކަމުގެ ސަބަބުން އިތުރަށް ފުޅާވާނެ ކަމަށްވެސް ހައިކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
މި ތާރީޚީ ނިންމުމާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރާއްޖެއިން ކުރާ ދެމެހެއްޓެނިވި މަސްވެރިކަމަށް ބައިނަލްއަގުވާމީ މައިދާނުގައި ހައްގު އުޖޫރައާއި އިހުތިރާމް ލިބޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ، ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ ގައުމެއް ކަމަށެވެ. އަދި މި ކުރިއެރުމަކީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުމާއި، ދެމެހެއްޓެނިވި ވިޔަފާރިއަށް ދެ ގައުމުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނިންމުމަށްޓަކައި ރައީސް ވަނީ އިނގިރޭސި ސަރުކާރަށާއި މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.



