ކެބިނެޓަށް ގެނައި ބަދަލުގެ ހެޔޮ ނަތީޖާ ފެނޭ، ސިޔާސީ މުވައްޒަފުން ވެސް މަދު ކުރާނަން: ރައީސް
ސައިފުﷲ އަލީ

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގުރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ
SHARE
ކެބިނެޓް ކުރިއަށްވުރެ ކުޑަކޮށް، ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތައް އެއްކޮށްލުމުން ސަރުކާރުގެ ހިންގުމުގެ ދުވެލި ވަރަށް ބޮޑުތަނުން މަތިކުރެވިއްޖެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސިޔާސީ މުވައްޒަފުން ވެސް މަދުކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ގެ ނަމުގައި ޕީއެސްއެމް އިން ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, މިނިސްޓްރީތަކުން ހަދަންޖެހޭ ހާއްސަ އެސެސްމެންޓްތައް ހަދައި މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. މި ބަދަލުތައް ގެންނާނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކަމަށާއި، ކޮން މިނިސްޓްރީއަކުން ވަކިކުރާނީ ނުވަތަ ދޫކޮށްލާނީ ކިތައް މީހުންތޯ ކަނޑައެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް ނިމުމާއެކު، ލަސްތަކެއް ނުވެ އެކަން ހަމަ ފުރިހަމައަށް ތަންފީޒުކުރައްވަން ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކެބިނެޓް ކުޑަކުރުމުން ސަރުކާރުގެ މަސައްކަތްތައް އަވަސްވެގެންދިޔަ ކަމުގެ ހެއްކެއްގެ ގޮތުން ރައީސް ދެއްކެވީ ރާއްޖޭއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ކުދިން އެދޭ ކަންތައްތައް ނިންމުމަށް މީގެކުރިން އެވްރެޖްކޮށް ހަތަރު ހަފުތާގެ ދިގު މުއްދަތެއް ހޭދަވި ނަމަވެސް، މިހާރު އެ ހުރިހާ ކަމެއް އެންމެ ހަތަރު ދުވަހުގެ ތެރޭގައި ނިންމާލެވޭ ގޮތަށް އިންތިޒާމުތައް ބަދަލުކުރެވިފައިވާ ކަމެ
ވެ. ބޭރުގައި ކިޔަވާ ދަރިވަރުންނާ ގުޅޭ ވަރަށް ގިނަ ކަންތައްތައް މިހާރު ވަރަށް ބޮޑުތަނުން ރަނގަޅުކުރެވި، ބަދަލުތައް ގެނެވުނު މިނިސްޓްރީތަކުގެ ތެރޭގައި ކުރިއަށްވުރެ އެތައް ގުނައެއް ހިދުމަތްތައް އަވަސްވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި އިސްލާހީ ބަދަލުތައް ސަރުކާރުގެ ތެރެއަށް ގެންނަން ޖެހުނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވި ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމުގެ ގޮތުން، ސަރުކާރުގެ 10 މިނިސްޓަރަކު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ބޭފުޅުންގެ އިސްތިއުފާއާއެކު، ރައީސް މުޢިއްޒު ވަނީ ބައެއް މިނިސްޓްރީތަކުގެ މެންޑޭޓުތައް އެއްކޮށްލައްވައި، ކެބިނެޓަށް އަލުން ވަޒީރުން އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައެވެ.
މީގެކުރިން ސަރުކާރުގެ ކެބިނެޓުގައި 20 މިނިސްޓަރުން ތިއްބެވި ނަމަވެސް، މި ގެނެވުނު ބޮޑު ބަދަލާއެކު 14 މިނިސްޓަރުންނާއި އެޓާނީ ޖެނެރަލް ހިމެނޭހެން މިހާރު ވަޒީރުންގެ މަޖިލީހުގައި ތިއްބަވަނީ ޖުމްލަ 15 ބޭފުޅުންނެވެ. މިގޮތަށް ސަރުކާރުގެ އޮނިގަނޑު ކުޑަކޮށް، ހަރަދުތައް ކުޑަކުރުމަކީ ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.



