ހިމަބިހީގެ އަލާމަތްތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އަޙްމަދު ސަދޫފް މޫސާ

SHARE
ރާއްޖެއިން ހިމަބިހި (މީސަލްސް) ފެންނަމުންދާތީ، އެ ބަލީގެ އަލާމާތްތަކަށް ސަމާލުވެ، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ލޯ ރަތްވުމުގެ އިތުރުން ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ އެހީތެރިކަން ހޯދުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މުހިއްމު ކަމެއް ކަމަށް އެ އެޖެންސީން ބުނެއެވެ.
ހިމަބިއްސަކީ ނޭވާލާ ނިޒާމުގެ ތެރެއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. މި ބަލި ޖެހެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ނުވަތަ ކިނބިހި އަޅާއިރު ބޭރުވާ ތިކިތަކުގެ ޒަރީއާއިންނެވެ. އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި، ގައިގައި ބިހިތައް ފެނުމުގެ ހަތަރު ދުވަސް ކުރިންނާއި ބިހިތައް ނެގުމަށްފަހު ފާއިތުވާ ހަތަރު ދުވަހުގެ ތެރޭގައި ވެސް ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.
ރާއްޖެއަކީ ކުރިން ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވީނަމަވެސް، މި ފަހުން ވަނީ މި ބަލީގެ 7 ކޭސް ފެނިފައެވެ. މި ކޭސްތަކާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓްކްޓް ޓްރޭސިންގެ މަސައްކަތުން މިހާތަނަށް 74 މީހަކު ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އެހެންކަމުން، ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހީ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، ބަލީގެ އަލާމާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.


