ހިމަބިހީގެ 11 ކޭސްއެއް، 100 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަވެއްޖެ

އަޙްމަދު ސަދޫފް މޫސާ

SHARE
ރާއްޖެއިން މީގެ ކުރިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި (މީސަލްސް) ގެ 11 ކޭސްއެއް މި އަހަރުގެ މިހާތަނަށް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ހިމަބިއްސަކީ ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ މަގުން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. އެހެންކަމުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
އެގޮތުން އެޗްޕީއޭ އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ފެނުނު ކޭސްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަކުރެވިފައެވެ. އަދި މި ބައްޔަށް ޝައްކުކުރެވޭ އިތުރު ކޭސްތަކެއްގެ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭ އިން އަންނަނީ ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށާއި، ބަލިޖެހުނު މީހުންނާ ގާތުން އެއްތާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، މި ވޭދަނަތައް މޮނިޓަރކޮށް، ހިމަބިހި ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށާއި، ބަލިޖެހުނު ފަރާތްތައް ދިރިއުޅޭ ސަރަހައްދުތަކުގައި "ރިންގް ވެކްސިން" ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.
ބަލީގެ އަލާމާތްތަކާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނީ، ހިމަބިހި ޖެހުމުން ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައި ކަމަށެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށާނެއެވެ. މި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރެނީ ބިހި ނެގުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން، ބިހި ނެގުމަށްފަހު ހަތަރު ދުވަސް ހަމަވަންދެންނެވެ.
ހިމަބިއްސަކީ ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ މަގުން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. އެހެންކަމުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.


