ޑައިވްކުރަން ސިފައިން ރިސްކު ނެގީ ސަރުކާރުން އަންގައިގެން ނޫން: ތަރުޖަމާނު

އަޙްމަދު ސަދޫފް މޫސާ

SHARE
ވ. އަތޮޅުން ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް އިން ކުރިއަށް ގެންދިޔަ ނުރައްކާތެރި ޑައިވިން އޮޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުވަތަ ސަރުކާރުގެ އެއްވެސް އިސްވެރިއަކު އަންގައިގެން ކުރި ޑައިވެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ފަސް ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާގައި، އެ ޑައިވަރުންގެ ހަށިގަނޑުތައް ރިކަވާކުރަން ސިފައިން ހިންގި އޮޕަރޭޝަނުގައި ސިފައިންގެ ފަސްޓް ކްލާސް ސާޖަންޓް މުޙައްމަދު މަހުދީ ކުރި ޑައިވްއަކީ، ސަރުކާރުން ނުވަތަ ރައީސް ޑރ. މުހައްމަދު މުޢިއްޒު އަންގަވައިގެން ކުރި ޑައިވެއްތޯ ސުވާލު އުފައްދާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ސިފައިންނަކީ ޤައުމީ ސަލާމަތީ ބާރު ކަމަށްވާއިރު، ސިފައިންނަކީ އަބަދުވެސް ރިސްކީ އޮޕަރޭޝަންތައް ހިންގާ ބައެއް ކަމަށެވެ. އަދި މި ޑައިވް އަކީ ރެކްރިއޭޝަނަލް ޑައިވިން ލިމިޓަށްވުރެ ފުނަށް، ޓެކްނިކަލް ޑައިވިން ލިމިޓަށް ފީނަންޖެހުނު، މޫސުން ގޯސް ވަގުތެއްގައި ހިންގި ވަރަށް ނުރައްކާތެރި އޮޕަރޭޝަނެއްކަން އެމްއެންޑީއެފް އިން ކުރިންވެސް ހާމަކޮށްފައިވާކަން މުންދު ވިދާޅުވިއެވެ.
އަދި އެ ޑައިވްކުރުމުގައި ސަރުކާރުން ނުވަތަ ރައީސް އަންގަވައިފައިނުވާނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ޤައުމީ ސަލާމަތީ ބާރުދެއްތޯ އެއީ. އެހެންވީމާ، އެ ބޭފުޅުންނަކީ ރިސްކީ އޮޕަރޭޝަން ހިންގަވާ ބޭފުޅުން. ބައެއް ބޭފުޅުންނަށް ފަހަރުގައި ހީފުޅުވެފައި ކަންނޭނގެ އޮންނަނީ، އެމްއެންޑީއެފް އެއީ އަޅުގަނޑުމެން ޔުނީފޯމް ބޮޑީސްތަކަށް ސަރުކާރުން ކަންކަން އޮޕަރޭޝަނަލީ އަންގާ އަމުރު މައުރޫފު ހިންގާ ތަނެކޭ. އެއީ އެހެން ހިންގާ ކަންތައްތަކެއް ނޫނޭ ފުރަތަމަ ދަންނަވަން ބޭނުންވަނީ. އެމްއެންޑީއެފްގައި އެ ބޭފުޅުންގެ ގާނޫނީ ޒިންމާތައް އަދާކުރަން ހުންނަ އެކި ކޯޒްތަކުގައި ތިބްވާނެ އިސްވެރިން. އެ ބޭބޭފުޅުން އޮންނަ ކޮމާންޑް ސްޓްރަކްޗާގެ ތެރެއިން އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ޑިސިޝަންސް ނަންގަވާނެ. އެކަމަކު މާނައަކީ އަޅުގަނޑު ދުށިން ބައެއް ތަންތާނގައި، ސަރުކާރުން ކާކުހޭ އެންގި މިކަން މިގޮތަށް ކުރަން. އެއީ އެހެންވާ ކަންތައްތަކެއް ނޫނޭ ފުރަތަމަ މި ދަންނަވަނީ - ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)
އަދި ޑޭންގެ ފަރާތުން ފިންލޭންޑުން އައި ބޭރުގެ ޑައިވަރުން އައުމުގެ ކުރިން ސިފައިން ޑައިވް ކުރި ސަބަބާ ގުޅޭގޮތުން މުންދު ވިދާޅުވީ، ފުރަތަމަ ޑައިވް ކުރިއިރު އިޓަލީ ސަރުކާރުގެ ރިކުއެސްޓެއް ނުވަތަ ބޭރުގެ މާހިރުން އަންނާނެ ކަމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް، ފަހުން އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ބޭރުގެ ޓީމުތައް އައިސް މަސައްކަތް ފެށީ ސިފައިންގެ ފުރަތަމަ ޑައިވަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހިފް ޔޫ ރިމެންބާ [ހަނދާން ހުންނާނެ]. ފުރަތަމަ ޑައިވް އެމްއެންޑީއެފްގެ ޑައިވަރުން ކުރި ފަހުން އިޓަލީގެ ސަރުކާރުގެ ރިކުއެސްޓަށް އަޅުގަނޑުމެން، އިޓަލީގެ ސަރުކާރުގެ ރިކުއެސްޓް ލިބި، އިޓަލީގެ ސަރުކާރުގެ ރިކުއެސްޓަށް އަޅުގަނޑުމެން އާއެކޭ ބުނެ، އިޓަލީގެ އިތުރުން އެހެން ޤައުމުތަކުގެ ހުށަހެޅުންތައް އައިސް އެ ބޭފުޅުންނާ މުޢާމަލާތްކުރެވި، އެކަން ހިންގީ ފުރަތަމަ ޑައިވްގެ ފަހުން. އޭރުގައިވެސް އެއް ފަހަރު އެ ބޭފުޅުން [ސިފައިން] ޑައިވްކުރައްވައިފި. ފުރަތަމަ ޑައިވެއް ހިނގާފައި، ދެ ވަނަ ޑައިވްގެ ދެއްތޯ ހިތާމަވެރި ހާދިސާ ހިނގީ. އެމްއެންޑީއެފުން އެކަނި ކުރި ދެ ވަނަ ދުވަހުގެ ޑައިވްގަނޑޫންތޯ؟، - ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)
މުންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ޓީމުތަކުގެ ތަޖުރިބާ އާއި ވަސީލަތްތައް ރަނގަޅުވި ނަމަވެސް، އެމްއެންޑީއެފް އިން ކުރި މަސައްކަތަކީ މި އޮޕަރޭޝަން ފުރިހަމަކުރުމަށް އެޅުނު މުހިންމު ބިންގަލެކެވެ. މި އޮޕަރޭޝަނުގައި ފަހުން ފުލުހުންގެ ޑައިވަރުންވެސް ބައިވެރިވެ، އެންމެން ގުޅިގެން މަސައްކަތް ކޮށްފައިވާކަން މުންދު ފާހަގަކުރެއްވިއެވެ.
އިޓަލީގެ ފަތުރުވެރިން ހޯދަން ފީނުމުގެ ތެރޭގައި ސިއްހީ ހާލަތު ގޯސްވެ، މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަހުދީ ނިޔާވީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި މަހުދީ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މަހުދީ ނިޔާވި ހާދިސާ އަދި އިޓަލީ ޑައިވަރުން ނިޔާވި ހާދިސާ ވެސް ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ.


