މާލޭގައި އީދު ނަމާދު ހަތަރު މައިދާނެއްގައި އަދި 25 މިސްކިތެއްގައި ކުރާނެ
އާއިޝަތު ޝިޔާއު ހުސައިން

މާލޭގައި ކުރި އީދު ނަމާދެއްގެ ތެރެއިން --
SHARE
މިއަހަރުގެ އަޟްޙާ އީދު ނަމާދު މާލެ ސަރަހައްދުގެ 25 މިސްކިތެއްގެ އިތުރުން ބޮޑެތި މައިދާންތަކުގެ ގޮތުގައި ހިމެނޭ ހަތަރު ސަރަހައްދެއްގައި، ބޮޑު ޖަމާއަތުގައި ކުރުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ބުދަ ދުވަހު ފާހަގަކުރާ ބޮޑު އީދުގެ ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާ ހަތަރު ސަރަހައްދަކީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލޭ ފުޓްބޯޅަ ދަނޑުގެ އިތުރުން ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސިންތެޓިކް ޓްރެކެވެ. މީގެ އިތުރުން ހުޅުމާލޭ ފޭސް 2 ގެ މަސްޖިދު ހަސަން އާދަމްއާ ގުޅިގެން އޮންނަ ނިރޮޅުމަގާއި، ހީނާމާހިނގުމާއި، ފޭރުގަސްމަގު އަދި ދުބުރިގަސްމަގު އެއްކޮށްލުމުން އުފެދޭ ބޮޑު ހުސްބިމުގައި ވެސް ބޮޑު ޖަމާއަތް ހެދުމަށް ވަނީ ނިންމާފައެވެ.
ކޮންމެ އަހަރެއްގެވެސް އީދު ނަމާދުގެ ޖަމާއަތްތަކެކޭ އެއްފަދައިން، މިއަހަރުވެސް އީދު ނަމާދު ކުރާ ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައި އަންހެނުންނަށް ވަކިން ހާއްސަ ޖާގައެއް އިސްލާމިކް މިނިސްޓްރީން އެކަށީގެންވާ ގޮތެއްގައި ތައްޔާރުކުރާނެއެވެ.
ނަމަވެސް އީދު ދުވަހުގެ މޫސުން ތަން ނުދިނުމުގެ ސަބަބުން ނުވަތަ ވާރޭވެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ މައިދާންތަކުގައި ބޮޑު ޖަމާއަތް ކުރިއަށް ނުގެންދެވިގެން ކެންސަލް ކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، މާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދުގެ ޖަމާއަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުަގައި މި އަހަރުގެ އީދަށް ކުރިއަށް އޮތް ދުވަސްތަކަކީ ވިއްސާރާ ދުވަސްތަކެކެވެ.
މީގެ އިތުރުން، ފަހަކަށް އައިސް ރާއްޖޭގައި އީދު ނަމާދު ކުރާ ގަޑިއަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް، ކުރިން ހެނދުނު 7:30 ގައި ފަށަމުން އައި އީދު ނަމާދު މިއަހަރުވެސް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ޖަހާއިރުއެވެ.

