
SHARE
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ މެދުގައި ނެގި ވޯޓުގައި ސަލީމް މި މަގާމަށް ހޮވިވަޑައިގެންނެވީ 62 މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެގެ ޖަލްސާއަށް ތާވަލްކޮށް، ބަހުސް ފަށަން ކުޑަތަންވެފައި ވަނިކޮށް އޭނާ އިއްޔެ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ވެރިކަންކުރާ ޕީއެންސީގެ 73 މެންބަރުން ސޮއިކޮށް ހުށަހެޅި މި ގަރާރުގެ ބަހުސް ފެށުމުގެ ކުރިން ނާޒިމް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނާޒިމް ނެރުއްވި ޚާއްޞަ ބަޔާނެއްގައި، އޭނާގެ މައްޗަށް ޕީއެންސީގެ މެންބަރުން ކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް ހަރުކަށި އިބާރާތުން ވަނީ ދޮގުކުރައްވާފައެވެ.
ޕީއެންސީން ހުށަހެޅި ގަރާރުގައި ނާޒިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވުމުގެ މައްސަލައެވެ.
ނާޒިމްގެ ބަޔާނުގައި ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.
އަދި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާ ކުރެއްވި ކަމަކުން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މިއިން ދުވަހަކު އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



