ޔޫއޭއީ އަށް ޠާރިޤް، ޤަތަރަށް އާދަމް ޝަރީފަށް ކޮމެޓީން ރުހުން ދީފި

އަޙްމަދު ސަދޫފް މޫސާ

SHARE
ކުރީގެ ދެ ވަޒީރުން ކަމަށްވާ ތޯރިގް އިބްރާހީމާއި އާދަމް ޝަރީފް އުމަރު ސަފީރުކަމުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.

މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ގޮތަށް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ތޯރިގް އިބްރާހީމް އަދި ގަތަރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އާދަމް ޝަރީފް އުމަރު އައްޔަންކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވިދާޅުވީ، މި ދެ ބޭފުޅުންނަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން އެ މަގާމަށް ގާބިލު ދެ ބޭފުޅުން ކަމަށެވެ. އެހެންކަމުން، އިތުރު އިންޓަވިއުއަކާ ނުލައި އެ ބޭފުޅުންނަށް ރުހުން ދިނުމަށް އޭނާ ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ކޮމިޓީގެ އެހެން މެންބަރުންގެ ތާއީދާއެކު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ އިއްތިފާގުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
ތޯރިގް އިބްރާހީމަކީ މި ސަރުކާރުގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ މަގާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް އޭނާ ވަނީ ވަޒީރުކަމާއި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައެވެ.
ގަތަރުގެ ސަފީރުކަމަށް ރުހުން ދިން އާދަމް ޝަރީފް އުމަރަކީ މި ސަރުކާރުގެ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ވޭތުވެދިޔަ ސަރުކާރުތަކުގައި ވެސް ވަޒީރުކަން ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އިސް މަގާމެއްގައެވެ.
މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީން ނިންމި ރިޕޯޓު ދެން ހުށަހަޅާނީ މަޖިލީހުގެ ތަޅުމަށެވެ. މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް، މެންބަރުންގެ ވޯޓުން ފާސްވުމުން، ގާނޫނީ ހަމަތަކުގެ މަތިން އެ ބޭފުޅުން ސަފީރުކަމުގެ މަގާމަށް ރަސްމީކޮށް އައްޔަންކުރެވޭނެއެވެ.


