އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މައްސަލައިގައި ބައްސާމުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އަޙްމަދު ސަދޫފް މޫސާ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ---
SHARE
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނަށްފަހު، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނި ގޮތުގައި މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.
އޭސީސީން ބުނި ގޮތުގައި އެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ އެކުއިޒިޝަން ކޮސްޓުގެ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުތަކަށް ވަނީ ޖަމާކޮށްފައެވެ.
މީގެ ތެރެއިން، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، ބައްސާމު ޢަދީލް ޖަލީލްގެ ބޭންކް އެކައުންޓަށް 29,000.00 (ނަވާވީސް ހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ވަނީ ސާބިތުވެފައެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި، ބައްސާމުގެ އެކައުންޓަށް ޖަމާވި މި ފައިސާއަކީ އޭނާގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާ ފައިސާއެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައްސާމު ބައިވެރިވެފައިވާ ކަމަށާއި، ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި އޭނާ ސޮއިކޮށްފައިވާކަންވެސް ތަޙުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މައްދާގެ (ހ) ގެ ދަށުންނެވެ.

