
SHARE
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު، ޑިވައިންޓެސްޓް، މުޙައްމަދު އަންދާޒު އަޙްމަދު (39އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހިންނަވަރު އޭޓީއެމް ބަނދަރު ސަރަހައްދުންނެވެ.
ފުލުހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކޮތަޅު ފެނިފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 189.5 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.


