ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ސޯބެ ކާމިޔާބުކުރައްވައިފި
ސައިފުﷲ އަލީ

SHARE

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބުކުރައްވައިފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ ދާއިރާގެ ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން އެންމެ ފޮށްޓެއް ފިޔަވައި އެހެން ހުރިހާ ފޮށްޓެއްގެ ނަތީޖާއިން ކުރި ހޯއްދެވީ ސޯބެ އެވެ. އޭނާ ވަނީ ޖުމްލަ 1375 ވޯޓު ހޯއްދަވައި، 51 ޕަސެންޓުގެ އަޣުލަބިއްޔަތެއް ހޯއްދަވައިފައެވެ. އޭނާއާ ވާދަކުރެއްވި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދަށް ލިބިވަޑައިގަތީ 48 ޕަސެންޓު ވޯޓެވެ. އެއީ 1313 ވޯޓެވެ.
ސޯބެ އަކީ އައްޑޫގެ އެންމެ ފުރަތަމަ މޭޔަރެވެ.
މި ބައި-އިލެކްޝަން ބާއްވަން ޖެހުނީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރަމުން ގެންދިޔަ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ކަނޑައަޅާފައިވަނީ، ސާބިތު ދަރަންޏެއް އޮވެ އެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާކަން ސާބިތުވާތީ މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. މި ހުކުމާ ގުޅިގެން ދާއިރާގެ ގޮނޑި ހުސްވެ، ގާނޫނުގައިވާ ގޮތުގެ މަތިން ބައި-އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީއެވެ.
ހިތަދޫ އުތުރު ދާއިރާގައި ވޯޓުލުމުގެ ހައްގު 4121 މީހުންނަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 2073 އަންހެނުންނާއި 2048 ފިރިހެނުންނެވެ. އިންތިހާބުގެ ހުރިހާ މަރުހަލާތަކެއް ވެސް ކުރިއަށް ގޮސްފައިވަނީ އަމާންކަމާއެކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.


