ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އިމާރާތްކުރާ ބިން މިނިސްޓްރީއާ ހަވާލުކޮށްފި
ފާތިމަތު މިޝްކާ
.jpg&w=3840&q=75)
SHARE
ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ކަނޑައަޅާފައިވާ ބިން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރުއެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައްސާ ދެމެދުގައި އޮންނަ ސަރަޙައްދުގައެވެ.
މި ބޮޑު މިސްކިތުގެ މަޝްރޫޢަށް ފައިނޭންސް ކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މިސްކިތް ހިމެނޭ ކޮމްޕްލެކްސް ތަރައްޤީކުރެވިގެންދާނީ ގިނަ ވަސީލަތްތަކަކާއެކުގައެވެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވެފައިވާ ގޮތުގައި، މި ކޮމްޕްލެކްސްގައި ނަމާދުކުރާނެ ޖާގައިގެ އިތުރުން ޤުރުއާން މިއުޒިއަމަކާއި ދީނީ އެހެނިހެން މުހިންމު ކަންކަމަށް ޚާއްޞަ ކުރެވިފައިވާ ވަސީލަތްތައް ވެސް ހިމެނިގެންދާނެއެވެ. މިއީ ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ޘަޤާފަތް ކުރިއެރުވުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.




