ޝަމްއާން ހެދީ ދޮގު، ތަފްސީލު ހާމަކޮށްދޭން ފުލުހުންގެ ކިބައިން އެދެފިން: އިހްސާން
ފާތިމަތު މިޝްކާ
.png&w=3840&q=75)
SHARE
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާންގެ މައްޗަށް ސާބިތުވި ފޭރުމާއި މަނީ ލޯންޑްރިންގެ މައްސަލައިގެ ތަފްސީލުތައް އާންމުންނަށް ހާމަކޮށްދިނުމަށް ފުލުހުންގެ ކިބައިން ހޯމް މިނިސްޓަރު އަލީ އިހުސާން އެދިވަޑައިގެންފިއެވެ.

ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލައިގެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޝަމްއާންގެ ގެއަށް ގެންދިޔަ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ. ކްރިމިނަލް ކޯޓުން ވަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ފަންސަވީސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
ހުކުމް އިއްވުމުގެ ކުރިން ޝަމްއާން ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވާފައެވެ. ޝަމްއާން ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ދައުވާ އުފުލީ އެ ދެ ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތަކެއްގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެންނެވި ހިސާބުންނެވެ. އަދި އޭނާއާ ދެކޮޅަށް ހެކިބަސް ހޯދާފައިވަނީ މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށް ލުއިދީގެން ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
ޝަމްއާންގެ ތުހުމަތުތައް ދޮގުކުރައްވައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއްކަން ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވާ ކަމަށެވެ. އަދި ޝަމްއާން ދައްކަވަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލާގައި ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑު ވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި
މީގެ އިތުރުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވެސް ވަނީ، ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ޝަމްއާން ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ. މި ސަބަބުތަކަށްޓަކައި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ ތަފްސީލު ރައްޔިތުންނަށް ސާފުކޮށްދިނުމަށް މިނިސްޓަރު އިހުސާން ވަނީ ފުލުހުންގެ މުއައްސަސާއަށް އަންގަވާފައެވެ.


