އިންޑިއާއިން ރާއްޖެއަށް 20،000 މީސްލްސް ވެކްސިން ޑޯޒް ހަދިޔާކޮށްފި
މިރާޝް މޫސާ
.jpeg&w=3840&q=75)
SHARE
ރާއްޖޭގައި ފެތުރެމުންދާ ހިމަބިއްސާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ މީސްލްސް ރުބެއްލާ ވެކްސިނާއި ތިން ޓަނުގެ ސިއްހީ އާލާތްތައް މިއަދު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މި އެހީ ދިވެހި ސަރުކާރާ ހަވާލުކުރުމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ރާއްޖެއާ ހަވާލުކޮށްދެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖ. ބަލަސުބްރަމަނިއަމްއެވެ. ދިވެހިރާއްޖޭގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި މި ތަކެތީގެ ތެރޭގައި 20،000 ޑޯސްގެ ވެކްސިންގެ އިތުރުން ތިން ޓަނުގެ ސިއްހީ އާލާތްތައް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، މިއީ ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު އެހީއެއް ކަމަށެވެ. އަދި މި ވެކްސިންގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށް އިތުރު މަގުފަހިކަމެއް ލިބިގެންދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހަދިޔާކުރި ލެބޯޓްރީ ސާމާނާއި ޕީޕީއީ ކިޓްތަކުގެ ސަބަބުން ބަލިތައް ދެނެގަތުމަށް ފަސޭހަވެ، އިސްސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން މިނިސްޓަރު ގީލާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިކަމަށް ބާރުދެއްވަމުން އިންޑިއާ ސަފީރު ޖ. ބަލަސުބްރަމަނިއަމް ވިދާޅުވީ، ކޮންމެ ކާރިސާއެއްގައިވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް އިންޑިއާ ވާނެ ކަމަށެވެ. މީގެ މިސާލެއްގެ ގޮތުން ސުނާމީ ކާރިސާއާއި ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގައި އިންޑިއާއިން ވެދިން އެހީތެރިކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ބޭނުންވާ އިތުރު ސިއްހީ ސާމާނުތައް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.


