ނަމާދު ވަގުތަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން އަންގައިފި
ފާތިމަތު މިޝްކާ
.jpg&w=3840&q=75)
SHARE
ރާއްޖޭގައި ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައިވެސް، ނަމާދު ވަގުތު ޖެހުމާއެކު 20 މިނެޓަށް ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ހުއްޓާލަން ސްޕޯޓްސް މިނިސްޓްރީން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ. މިއީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ހުރިހާ ކުޅިވަރު މައިދާންތަކެއްގައި ތަންފީޒުކުރަން ފެށި އުސޫލެކެވެ.

ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާގައި ބަޔާންކޮށްފައިވަނީ، ނަމާދަށް ބަންގި ގޮވުމާއެކު 20 މިނެޓް ވަންދެން ކުޅިވަރުތައް މެދުކަނޑާލުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އަދި ކްލަބްތަކާއި އެކަޑަމީތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައިވެސް މި އުސޫލަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ. އެހެންކަމުން އެސޯސިއޭޝަންތަކުގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ ހަރަކާތްތަކެއްގައި މިކަން ތަންފީޒުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ކުޅިވަރު މައިދާންތަކުގައި ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަންޖެހޭ ގޮތަށް އުސޫލުތައް ބަދަލުކޮށް، އެ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ، ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސަރުކާރުން އަޅާ ކުޅިވަރާ ގުޅޭ އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ތަންތަން ހެދުމަށް ނިންމައި އެކަން މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވާއިރު، މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒު ކުރެވެންވާނީ އެ ހަގީގަތުގެ މައްޗަށް ބިނާކޮށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގައި ގިނަ ބަޔަކު ކުޅިވަރު ކުޅުމަށް ބޭނުންކުރާ މާފަންނު ސްޓޭޑިއަމާއި ކުޅިވަރު އެކުވެނި ފަދަ ތަންތަނުގައި މިހާރު ނަމާދުކުރެވޭނެ އިންތިޒާމެއް ގާއިމުކުރެވިފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުގެ މި އާ ސިޔާސަތުގެ ދަށުން، ކުޅިވަރު ކުޅޭ ގަޑީގައި ނަމާދު ވަގުތު ނުގެއްލޭނެ ގޮތަށް އެންމެ ޒަމާނީ ފެންވަރުގެ ފެސިލިޓީތައް އެ ތަންތަނުގައި ގާއިމުކުރެވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.



