logo
World Cup 2026

ފިޔާ ލިބެންއެބަހުރި، އަންނަ ހަފްތާގައި ހޯލްސޭލްކުރާނެ: އެސްޓީއޯ

ފާތިމަތު މިޝްކާ

16 ޖޫން 2026 - 17:01
ފިޔާ ލިބެންއެބަހުރި، އަންނަ ހަފްތާގައި ހޯލްސޭލްކުރާނެ: އެސްޓީއޯ

SHARE

ކުރިޔެކޭ އެއްގޮތަށް އަދިވެސް ފިޔާ ލިބެން އެބަހުރި ކަމަށާއި، އަންނަ ހަފުތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެ ކަމަށް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން މިއަދު ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފިޔާ ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށާއި، ބާޒާރުގައި ފިޔާގެ އަގު ބޮޑުވެފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް އެސްޓީއޯގެ މީޑިއާ އޮފިޝަލް ވަނީ ރައްދުދެއްވާފައެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، އެ ކުންފުނިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތެވެ. އަދި ކުރިޔެކޭވެސް އެއްގޮތަށް އެ ކުންފުނިން މެދުކެނޑުމެއްނެތި ފިޔާ ލިބެން ހުންނާނެކަމުގެ ޔަގީންކަން އާންމުންނަށް ވަނީ ދީފައެވެ.

އެސްޓީއޯއިން މިހާރުވެސް ފިޔާ ކިލޯއެއް ވިއްކަމުން ދަނީ ކުރިންވެސް ވިއްކަމުން އައި އަގު ކަމަށްވާ 13 ރުފިޔާއަށެވެ. އާންމު ގޮތެއްގައި އަމިއްލަ ފިހާރަތަކުން ފިޔާ ކިލޯއެއް 16 ރުފިޔާއާއި 18 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރި ނަމަވެސް، މީގެ ދެ ހަފުތާ ކުރިން މާލޭގެ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ވަނީ 30 ރުފިޔާއާއި 35 ރުފިޔާއާ ދެމެދަށް އުފުލިފައެވެ. ނަމަވެސް އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށް ހިފެހެއްޓުމުގެ ސަބަބުން ބާޒާރުގެ އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ.

އަންނަ ހަފުތާގެ ތެރޭގައި އެސްޓީއޯއިން ހޯލްސޭލްކޮށް ފިޔާ ވިއްކަން ފެށުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކަށް ފަސޭހަކަމާއެކު ފިޔާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހެޔޮ އަގުގައި މެދުކެނޑުމެއްނެތި ފިޔާ ލިބުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d