
ސަރުކާރުގެ ބޯހިޔާވަހިކަން ދޫކުރުމަށް ހިއްކާ، ރަސްމާލޭގެ ސައިޓު އޭ ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންދަނީ -- ފޮޓޯ: އެމްއޭސީއެލް
SHARE
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވިއިރު، ބޯހިޔާވަހިކަމަށް އެދި 58,000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތައް ކަމަށްވާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ 18 ޖެނުއަރީ 2026 ގައެވެ. އެކި ފަހަރު މަތިން ސުންގަޑި އިތުރުކުރުމަށްފަހު، ފޯމު ހުށަހެޅުމުގެ މުއްދަތު ރަސްމީކޮށް ހަމަވެފައިވަނީ 15 ޖޫންގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 58,505 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ދަށުން ފްލެޓަށް އެދި 35,818 އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 9,826 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.
"ގޯތިގެދޮރު" ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވަނީ 112 އެޕްލިކޭޝަނެވެ. ނަމަވެސް އެ ސްކީމުގެ ދަށުން ގޯއްޗަށް އެދި 12,749 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
މި މަޝްރޫއުގެ ދަށުން މާލޭގެ ރަށްވެހިންނަށް ބިން ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަދި މާލޭގައި ދިރިއުޅޭ، ނަމަވެސް އެހެން ރަށްރަށަށް ނިސްބަތްވާ ޝަރުތު ފުރިހަމަވާ އާންމު ރައްޔިތުންނަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ. ބޯހިޔާވަހިކަމުގެ މި ބޮޑު މަޝްރޫއުގެ ދަށުން ސަރުކާރުގެ މައިގަނޑު އަމާޒަކީ ޖުމްލަ 1,250 އަކަފޫޓުގެ 15,000 ގޯއްޗާއި، 7,900 ފްލެޓު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

