logo
World Cup 2026

ވަގުތީ ސުލްހައިގެ އެއްބަސްވުމާއެކު ތެލުގެ އަގު ދަށަށް ދާން ފަށައިފި

ސައިފުﷲ އަލީ

18 ޖޫން 2026 - 07:25
ވަގުތީ ސުލްހައިގެ އެއްބަސްވުމާއެކު ތެލުގެ އަގު ދަށަށް ދާން ފަށައިފި

SHARE

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމެރިކާ އާއި އީރާނާ ދެމެދު ވަގުތީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވާން ފަށައިފިއެވެ.

އީރާނާ ދެކޮޅަށް އަލުން އަސްކަރީ ހަމަލާތައް ދީފާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދިނުމުން ވަގުތީގޮތުން ތެލުގެ މައްޗަށް ދިޔަ ނަމަވެސް ޖުމްލަގޮތެއްގައި މިހާރު ތެލުގެ އަގު ދަށްވެފައިވާކަމަށް މީޑިޔާތަކުން ރިޕޯޓު ކުރެ އެވެ.

ދެ ގައުމުގެ މި އެއްބަސްވުމާއެކު ހޮރުމޫޒު ކަނޑުއޮޅި ހުޅުވައި ތެލުގެ އަގު އުފުލެމުން ދިޔަ ދިޔުމަށް މިވަނީ މެދުކެނޑުމެއް އައިސްފަ އެވެ.

ބުރާސްފަތި ދުވަހު އޭޝިއާގެ ބާޒާރުގައި ބްރެންޓް ކްރޫޑްގެ އަގު 2.3 އިންސައްތަ ދަށަށް ގޮސްފައިވާކަން ފާހަގަކުރެވެ އެވެ.

މި އަހަރުގެ އޮގަސްޓް މަހު ސަޕްލައި ކުރުމަށް ހަމަޖެހިފައިވާ ބްރެންޓް ތެލުގެ ފިއުޗާސްގެ އަގު ފީފާއެއް ހުރީ 77.73 ޑޮލަރުގައެވެ. މިއީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ތެލުގެ އަގު ހުރި މިންވަރަށް ވުރެ އެންމެ 7 އިންސައްތަ މަތީ އަދަދެއް ކަމަށް ބައިނަލްއަގްވާމީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އެހެންނަމަވެސް، އީރާނުގެ އަމަލުތައް އެކަށީގެންވާ ގޮތަކަށް ނުބަހައްޓައިފިނަމަ ބޮމުގެ ހަމަލާތައް އަލުން ފަށާނެ ކަމަށް ޓްރަމްޕް އިންޒާރު ދިނުމާއެކު ބުދަ ދުވަހު ވަގުތީގޮތުން ބްރެންޓް ތެލުގެ އަގު ފީފާއެއް 81 ޑޮލަރަށް އެރިކަން ފާހަގަކޮށްލެވެ އެވެ.

މި ކަންކަމުގެ ސަބަބުން އެތައް ދުވަހަކަށް ފަހު އޭޝިޔާގެ ހިއްސާގެ ބާޒާރުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް މީޑީޔާތަކުން ރިޕޯޓު ކުރެ އެވެ. މިއީ ދުނިޔޭގެ ހަކަތަ ސަޕްލައި ކުރާ މަގުތަކަށް ފާއިތުވި ހަތަރު މަސް ދުވަހު ކުރިމަތިވެފައިވާ ބުރޫއަށް ނިމުމެއް އަތުވެދާނެ ކަމުގެ އުންމީދެއް ކަމަށް ވެސް މީޑީޔާތަކުން ރިޕޯޓު ކުރެ އެވެ.

އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކާއި ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން ގަލްފް ސަރަހައްދުން ނުކުތުމަށް 500 އަށްވުރެ ގިނަ އުޅަނދުގެ ކިޔޫއެއް އޮތް ކަމަށް ލަފާކުރެވޭ ކަމަށާއި އޭގެ އިތުރަށް ވެސް، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކާއި ފަޅުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރާނެ ގޮތުގެ ރަނގަޅު، ސާފު މައުލޫމާތުތަކެއް ލިބިފައި ނުވާތީ ގިނަ އަދަދެއްގެ ޝިޕިން ކުންފުނިތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މީގެ އިތުރުން، އުޅަނދުތައް ދަތުރުކުރުމަށް ކުރިން ބޭނުންކުރަމުން ދިޔަ ރޫޓުތައް ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ދުވާލަކު 14 މިލިއަން ފީފާގެ ތެލުގެ މަދުވުމެއް ނުވަތަ އެވަރުގެ މިންވަރަށް ތެލުގެ ދަތިކަން ކުރިމަތިވާކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން އަންދާޒާ ކޮށްފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d