މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރި މަސައްކަތުން ބައެއް ކާމިޔާބީތައް މިހާރު ވެސް ލިބިއްޖެ: ރައީސް
ސައިފުﷲ އަލީ

SHARE
ބޭނުންފުޅުވަނީ މަސްވެރިކަމުގެ މުޅި ސިނާއަތް ހަރުދަނާކުރެއްވުމަށް ކަމަށާއި އެގޮތުން މަސްވެރިކަމުގެ ސަރުކާރުގެ މައި ކުންފުނި، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން މިހާރުވެސް ކާމިޔާބުތަކެއް ހާސިލުކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތް އޮތް ހާލަތު ރަނގަޅުކޮށް އެ ސިނާއަތް ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާގެ ތެރެއިން މިހާރުވެސް ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމުގެ ތަފްސީލަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އަމާޒަކީ މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުން ކަމަށާއި އަދި އެއަށްވުރެ މައްޗަށް ގެންދެވޭ ގޮތެއްވުމުން އެކަންވެސް ކުރުމަކީ އުންމީދެއްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން ދިގުދެމިގެން ގޮސް ދާއިމީވުމަކީވެސް ކުރައްވާ އުންމީދެއް ކަމަށާއި އެ ރޮނގުންވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާ، އަދި އެންމެ ރަނގަޅު އަގެއް ދެވޭނީ މިކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަން ހާސިލުކުރުމުގެ މަސައްކަތްތައް، ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވެވުމާއެކުގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންންކަން ރައީސް ދެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ މަސްވެރިކަމުގައި އަމަލީގޮތުން ބައިވެރިވާ މީހުން މަދުވުމެވެ. އެކަން އެގޮތަށް ދިމާވީ ސަރުކާރު ކުންފުނިތަކުން އެތައް ބަޔަކަށް ވަޒީފާ ދީފައި އޮތުމުން ކަމަށާއި އެކަމުގެ ހައްލަކަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.




