އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ޕީއެންސީ ބައިބައިކޮށްލަން: އާދަމް ޝަރީފް
މިރާޝް މޫސާ

SHARE
ރިޔާސީ އިންތިޚާބާ ދިމާކޮށް ވެރިކަން ކުރާ ޕީއެންސީ ބައިބައިކޮށް، ސިޔާސީ ހަމަނުޖެހުން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލާއިރު، މީގެ ކުރިން ވެރިކަން ކޮށްފައިވާ ބޮޑެތި ޕާޓީތަކަށް މިފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޑީއާރުޕީ އާއި އެމްޑީޕީ އަދި ޕީޕީއެމް ފަދަ ޕާޓީތަކުގެ ތެރޭގައި އުފެދުނު ދާޚިލީ ހަމަނުޖެހުންތަކާއި ބައިބައިވުންތަކުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އޭޏނާ ވިދާޅުވިއެވެ.
އިންތިޚާބުތަކާ ކައިރިވަމުން އަންނަ ވަރަކަށް ވެރިކަން ކުރާ ޕާޓީތަކުގެ ތެރެއަށް ނުފޫޒު ފޯރުވައި، ޕާޓީގެ ލީޑާޝިޕްގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަކީ އިދިކޮޅު ފަރާތްތަކުން ޒަމާނުއްސުރެ ގެންގުޅޭ ސްޓްރެޓެޖީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާރުގެ ސިޔާސީ މާހައުލަށް ބަލާއިރު، ވެރިކަން ކުރާ ޕާޓީ ކަމަށްވާ ޕީއެންސީއަކީ ސިޔާސީ ވާދަވެރިންގެ އަމާޒަކަށް ވެފައިވާ ޕާޓީއެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ މި ޕާޓީ ބައިބައިކޮށް، ސަޕޯޓަރުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ހުރިހާ ގެއްލުމެއް ވެސް ލިބޭނީ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ހާލަތްތަކުގައި ޕާޓީގެ ލީޑާޝިޕް ވެސް އަދި ސަޕޯޓަރުން ވެސް ވަރަށް ބޮޑަށް ހުޝިޔާރުވެ، އެފަދަ މަޅިތަކުގައި ނުޖެހި ތިބުން މުހިންމު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮވުމަށް އެއް ރޫޙެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.


.jpg&w=3840&q=75)
