ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުއިއްޒު ކަމާ މެދު ޝައްކެއް ނެތް: ސައީދު
މިރާޝް މޫސާ
.jpg&w=3840&q=75)
SHARE
2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި އެކަމަށް ޕާޓީގެ މެމްބަރުންގެ ފުރިހަމަ ތާއީދު އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޕީއެންސީއާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވިގޮތުގައި ޕީއެންސީގެ ލީޑާޝިޕާއި ޕާލިމަންޓަރީ ގުރޫޕު އަދި އާންމު މެމްބަރުންގެ ވިސްނުން ހުރީ އެއް މިސްރާބަކަށެވެ. އެއީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައި، ޤައުމަށް ތަރައްޤީއާއި ހަމަޖެހުން ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ފުރިހަމައަށް ބައިވެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ. ޕާޓީގެ އެތެރޭގެ ކަންކަމުގެ ތެރެއިން މި އަމާޒަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަޤީންކަން ސައީދު ދެއްވިއެވެ.
ރައީސް މުޢިއްޒުގެ ލީޑާޝިޕްގެ ދަށުން ޕީއެންސީ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެންމެ މެމްބަރުން ގިނަ އަދި އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަށް ބަދަލުވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫޢުތައް ހިންގުމާއި، ދައުލަތުގެ ދަރަނި އަދާކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މި ހުރިހާ ކާމިޔާބީތަކަކީ ވެސް ރައީސް މުޢިއްޒުގެ ޤާބިލު ލީޑަރޝިޕްގެ ނަތީޖާ ކަމުގައި ސައީދު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ގޮންޖެހުމަކީ ޤައުމީ ތަރައްޤީއާ ގުޅޭގޮތުން ޚިޔާލު ފާޅުކުރާނެ ހަރުދަނާ އިދިކޮޅު ޕާޓީއެއް ނެތުން ކަމަށެވެ. މިހާރު އިދިކޮޅުގައި ތިބި ޕާޓީތަކުގެ ކޯލިޝަންގެ ތެރޭގައި ވެރިއަކު ނެތުމާއި، އެ ފަރާތްތަކުގެ މެދުގައި ނަފްރަތާއި ކެހިވެރިކަން އުފެދިފައިވާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.



