ހިރިމަރަދޫން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި
މިރާޝް މޫސާ

SHARE
ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން އެހެން ރަށަކަށް ބަދަލުވާން އެދޭ ފަރާތްތަކަށް ހއ. ހޯރަފުށްޓަށް ބަދަލުވުމުގެ ފުރުސަތު ހޯރަފުށީ ކައުންސިލުން ހުޅުވާލައިފިއެވެ.

ހޯރަފުށީ ކައުންސިލުން ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނެފައިވަނީ، ހިރިމަރަދޫ ރައްޔިތުން ހޯރަފުށްޓަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލަން ނިންމީ މިއަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ އާންމު ބައްދަލުވުމުގައި ކަމަށެވެ. ވީމާ، ހޯރަފުށްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކަމަށް އެދި ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ނަން ނޯޓު ކުރުމަށްޓަކައި ހަނިމާދޫ އަވަށު އޮފީހަށް ނުވަތަ ހަނިމާދޫ ކައުންސިލު އިދާރާއަށް ހާޒިރުވެ، ނުވަތަ އެ އިދާރާގެ އީމެއިލް އެޑްރެސް ކަމަށްވާ އަށް ލިޔުމަކުން މައުލޫމާތު ހިއްސާ ކުރުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ. މީގެ އިތުރުން 4002064 ނަންބަރު ފޯނަށް ގުޅައިގެންވެސް ނަން ނޯޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.
ހިރިމަރަދޫއަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. 2022 ވަނަ އަހަރު ނެގި ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 މީހުންނެވެ. އޭގެ ތެރޭގައި 157 ފިރިހެނުންނާއި 136 އަންހެނުން ހިމެނެއެވެ. ރަށުގެ ރަޖިސްޓްރީގައި 584 މީހުން ހިމެނުނު ނަމަވެސް، ރަށުގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 260 އެވެ. މީގެ ކުރިން ހިރިމަރަދޫ ކައުންސިލުން ވަނީ އެ ރަށު ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުކޮށްދިނުމަށްވެސް ސަރުކާރުގައި އެދިފައެވެ.
އާބާދީ ކުޑަވުމުގެ ސަބަބުން ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދުމާ ގުޅިގެން، ރައީސް ވަނީ މިއަހަރުގެ ފެބްރުވަރީ މަހު އެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. ރައީސް ނިންމަވާފައިވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގެ ރަޖިސްޓްރީއަށް ބަދަލުކުރުމަށްފަހު، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫން ކަމަށް ކަނޑައެޅުމަށެވެ.
ރައްޔިތުންނަށް ހަނިމާދޫއިން ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން، ކޮންމެ ގޯއްޗަކަށް ގޯއްޗެއް ދިނުމާއި 18 މަސް ދުވަހުގެ ތެރޭގައި ގެއެއް އަޅައިދިނުމަށް ސަރުކާރުން ވަނީ ވައުދުވެފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު އިމާރާތެއް ނެތް ގޯތިތަކުގެ ބަދަލުގައި ދޭ ގޯތިތަކުގައިވެސް ގެ އަޅައިދޭނެ ކަމަށާއި، ބަދަލުގެ ގޮތުގައި ފައިސާގެ އެހީވެސް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ހަނިމާދޫގައި 500 ހައުސިން ޔުނިޓުގެ މަޝްރޫއެއް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. ހިރިމަރަދޫއިން މީހުން ބޭލުމަށްފަހު، އެ ރަށުގައި 4 މިލިއަން ރުފިޔާގެ ވޭސްޓް މެނޭޖްމެންޓް މަޝްރޫއެއް ހިންގުމަށް ސަރުކާރުން ވަނީ ބިލްޑްޓެކް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައެވެ.


