ހޯރަފުށި ހާފްވޭ ހައުސްގައި އުޅޭ ކުދިންތަކެއް ރަށުތެރެއަށް ނުކުމެ މީހަކަށް ހަމަލާދިން މައްސަލައެއް ބަލަނީ
އައިޝަތު ހިދާޔާ

SHARE
ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު ނުވަތަ ހާފްވޭ ހައުސްގައި ތިބި ތިން ކުދިން އެރަށުތެރެއަށް ނުކުމެ, ރަށު މީހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ, މިހާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
"މި ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ," ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ރަށުން "ނުކުތާ"އާ ވާހަކަ ދެއްކި މީހަކު ބުނީ, އެ ކުދިން ހަމަލާދިނީ މެދު އުމުރުގެ މީހަކަށް ކަމަށެވެ. އެއީ އެރަށަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެ މީހާއަށް ހަމަލާދިނުމަށް ފަހު އެކުދިން ވަނީ އެމީހާ ފަޅު ގެއެއްތެރެއަށް ދޫކޮށްލައިފައެވެ.
މި ހާދިސާގެ ފޮޓޯއާއި ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ. އެ ރަށު ރައްޔިތުން ނުކުމެ, އަނިޔާވެފައިވާ މީހާ ނަގައިގަނެގެން އެމްބިއުލާންސަށް އަރުވާ މަންޒަރު މި ވީޑިއޯތަކުން ފެނެއެވެ.
މި ހާދިސާގެ ސަބަބުން އެ ރަށުތެރެ ރޭވަނީ ހަލަބޮލި ވެފައެވެ. ގިނަ ބަޔަކު ހާފްވޭ ހައުސްކައިރިއަށް އެއްވެ އެކުދިން ރަށުން ބޭލުމަށް ވަނީ ގޮވައިލައިފައެވެ.


