
މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: މަޖިލިސް އިދާރާ
SHARE
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން 2024 ވަނަ އަހަރު ނިންމި ނިންމުން ބަދަލުކޮށް އެ ޑިޔުޓީ ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅީ މިމަހުގެ 22ވަނަ ދުވަހުއެވެ. މި ބިލު ދިރާސާ ކުރުމަށްފަހު ބިލު ފާސްކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ މިދިޔަ ހޯމަދުވަހުއެވެ.
ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ބިލު ފާސްކުުރުމަށް މިއަދު ވަނީ ވޯޓަށް އަހައިފައެވެ. މި ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދީފައި ވަނީ, 68 މެމްބަރުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދީފައެއް ނުވެއެވެ.
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން ސަރުކާރުން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމުވެއްގައި މި ފާޑުކިޔުންތަކަށް ރައްދުދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއީ ފަހަތަށް އެޅޭ ފިޔަވަޅެއް ނޫންކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޖިލީހަށް އެ އިސްލާހު ހުށަހެޅީ ސަރުކާރުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ. އަދި މިއީ ވަށައި ޖެހޭ ސިޔާސަތެއްގެ ދަށުން މުޅި މުޖުތަމައު ދުންފަތާ ދުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުރެވޭ ކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަ ކުރައްވާފައެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނގިރޭޓުގެ ޑިޔުޓީ ބޮޑުކުރުމުން ސިނގިރޭޓު ލިބުން ދަތިވެ އަގުބޮޑުވެ ގިނަބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ. ސިނގިރޭޓު ފޮށްޓެއްގެ އަގު 250 ރުފިޔާއަށް ވުރެ މައްޗަށް އަރައި، މިއީ ވަކި ބަޔަކަށް ފައިދާކުރުމަށް ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ.
މި ބިލުގައިވާގޮތުން ސިނގިރޭޓަކުން ނަގާ ޑިޔުޓީ 4 ރުފިޔާއަށް ކުޑަވެގެން ދާނެ އެވެ. އަދި ހޫނުކޮށްގެން ބޭނުން ކުރާ ނުވަތަ ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް ކުޑަކޮށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ހިމަނާފައިވެ އެވެ.

.jpg&w=3840&q=75)


