ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވައިލައި
އައިޝަތު ހިދާޔާ

ހުޅުމާލެ ހޮސްޕިޓަލް -- ފޮޓޯ/ ދި އެޑިޝަން
SHARE
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ 15 ފުރުސަތު ހުޅުވައިލައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ހޮސްޕިޓަލުގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 12 ޖުލައިވާ އާދީއްތަ ދުވަހުގެ 14:00 ނިޔަލަށް ހުޅުވާލައިފައި ވާކަމަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިން ފޯމެއް ހުޅުމާލެ ހޮސްޕިޓަލުގެ މެއިލްއަށް އީމެއިލްކޮށްގެންނެވެ.
މި ފޯމު އެ ހޮސްޕިޓަލުގެ ވެބްސައިޓުންނާއި ގެޒެޓުން ލިބޭނެއެވެ.
އިންޓާންޝިޕަށް އެދި ހުށަހެޅުމުގެ ޝަރުތު:
- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން
- ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން
ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓެޑް ކޮށްފައި)
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓް ކޮޕީ.
- ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ
- ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު
ހުޅުމާލެ ހޮސްޕިޓަލުން ބުނީ, އިންޓާންޝިޕް ޕްރޮގްރާމަށް ޝަރުތު ފުރިހަމަވާ 15 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލާނެކަމަށެވެ. އެފަދަ ހާލަތެއްގައި އިސްކަން ދޭނީ ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށް ބަލައިގެން ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖޭގައި ގިނަވުމުން މިފަދަ ތަޖުރިބާ ހޯދުމުގެ އިންޓާންޝިޕްތަކަށް އޮންނަ ޑިމާންޑު ވަރަށް ބޮޑެވެ.


