އަޅުގަނޑު ހުރީ މަޖިލީހުގެ ރައީސަކަށް، އޭގެ ޒިންމާއަކީ ރައީސާ އަތްގުޅުވައިގެން ހުރުމެއް ނޫން: ނަޝީދު
މިންހާ އަބްދުالله
ރައީސް ނަޝީދާއި ރައީސް ސޯލިހު
SHARE
2019 ވަނަ އަހަރުން ފެށިގެން 2023ގެ ނިޔަލަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ކަމަށާއި އެ މަގާމުގެ ޒިންމާއަކީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކާ އަތްގުޅުވައިގެން ހުރުން ނޫންކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި ނިމިދިޔަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ ޒިންމާއަކީ އެއިރެއްގައި އޮންނަ ސަރުކާރެއް ޒިންމާދާރުކުރުވުން ކަމަށެވެ.
ގާނޫނު އަސާސީއާ އެއްގޮތަށް މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅުން މަސައްކަތް ކުރައްވާނީ ސަރުކާރު ޒިންމާދާރުކުރުވުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން، އެފަދަ ބޭފުޅަކާ ރައީސަކަށް ހުންނަވާ ބޭފުޅަކާ ފަރަގު އުފެދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ވެސް އެނގޭ ތިން ބާރު ވަކިނުވިކަން، އަޅުގަނޑުމެންގެ އަމާޒަކަށްވީ ތިން ބާރު ވަކިވެފައި އޮތް ގާނޫނު އަސާސީއެއް ލިބުމަށް، އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް ވީގޮތަކީ ރިޔާސީ އިންތިހާބުގައި ކާމިޔާބުވާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ ބޮޑު ބައެއް ލިބުމުން ސަރުކާރުގެ ކޮންޓްރޯލް ދަށަށް މަޖިލީހާއި ޝަރުއީ ދާއިރާ ވެސް ދާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، މިނިވަން މުއައްސަސާތައް ވެސް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މީގައި އެބަ އުޅޭ އުނިކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސް ނަޝީދު މަޖިލީހުގެ ރައީސަކަށް ހުންނެވިއިރު ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި ރައީސް ނަޝީދު ވަނީ ޑިމޮކްރެޓްސްގެ ނަމުގައި ވަކިން ޕާޓީއެއް ވެސް އުފައްދަވާފަ އެވެ. ހިޔާލު ތަފާތުވުން އުފެދި ވަކި ޕާޓީއެއް ރައީސް ނަޝީދު ހެއްދެވީ 2023 ގެ ރިޔާސީ އިންތިހާބަށް ބޭއްވި ޕާޓީގެ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމުންނެވެ.
ޖުލައި 2023 ގައި އެ ޕާޓީ އުފެއްދެވުމަށްފަހު، ރައީސް ނަޝީދުގެ ފެކްޝަނުގެ ބޭފުޅުން ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ. އެހެންނަމަވެސް އެ މެމްބަރުން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމުން، ޑިމޮކްރެޓްސްގައި މެމްބަރުން ހަމަނުވާތީ، މި އަހަރު ތެރޭ އެ ޕާޓީ ވަނީ އުވާލާފަ އެވެ.


