logo

ކުޅުދުއްފުށީގައި ކެތްލެބެއް ގާއިމުކުރަނީ

ފާތިމަތު މިޝްކާ

5 ޖުލައި 2026 - 13:12
ކުޅުދުއްފުށީގައި ކެތްލެބެއް ގާއިމުކުރަނީ

SHARE

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އިސްނަގައިގެން، އުތުރުގެ ރައްޔިތުންނަށް ހިތުގެ ބަލިތަކުގެ ފަރުވާ ފަސޭހަކޮށްދިނުމުގެ ގޮތުން ކުޅުދުއްފުށީގައި ކެތްލެބެއް ޤާއިމުކުރުމުގެ މަޝްވަރާތައް އެ ހޮސްޕިޓަލާއެކު ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރާއްޖޭގެ ހިތުގެ ބަލީގެ މަރުކަޒަށް ދިހަ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ ކުޅުދުއްފުށީގައި ކެތްލެބް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި މަރުކަޒު ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެހުމާއެކު، އުތުރުގައި ހިތުގެ ބަލިތަކަށް ފަރުވާދޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރެވިގެންދާނެއެވެ. މިއީ މާލެއަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ މަގު ތަނަވަސްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސިއްހީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ފެށި ކެތްލެބްގެ ޚިދުމަތްތަކަށްވެސް މި ރަސްމިއްޔާތުގައި އަލިއަޅުވާލާފައިވެއެވެ. މި އަހަރުގެ ފެބްރުއަރީ މަހު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފެށި މި ޚިދުމަތުގެ ދަށުން މިހާތަނަށް ގިނަ އޮޕަރޭޝަންތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ. މީގެ ތެރޭގައި ތިރީސް އަށް އެންޖިއޯގްރާމާއި، ވިހި އެންޖިއޯޕްލާސްޓީގެ އިތުރުން ކެރޮޓިޑް އާޓަރީގެ އެއް އެންޖިއޯގްރަފީ ހިމެނެއެވެ. އަދި ޕޭސްމޭކަރަކާއި އޭއައިސީޑީއެއް އިންދުމުގެ މަސައްކަތްވެސް އެ ހޮސްޕިޓަލުގައި ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

މާލޭގައި ހުންނަ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ހިތުގެ މަރުކަޒަށް ދިހަ އަހަރު ފުރިފައިވާއިރު، މިއީ މާލެ ސިޓީ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު އެއް މަރުކަޒެވެ. މި މަރުކަޒުގެ ސަބަބުން ރާއްޖެއިން ބޭރަށް ގޮސްގެން ހިތުގެ ފަރުވާ ހޯދަންޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާކަން ފާހަގަކުރެވެއެވެ. އަދި ބަލިމީހުންނަށް ރާއްޖޭގައި ތިބެގެން އިތުބާރާއެކު ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހި، ކާޑިއޯ ވެސްކިއުލަރ ޚިދުމަތްތަކުގެ ފެންވަރު ވަނީ އެތައް ގުނައެއް މަތިކުރެވިފައެވެ. މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެއްކަމަށް ސީއީއޯ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިތުގެ ބަލިތަކާއި، ނާރުގެ ބަލިތަކުގެ އިތުރުން ކެންސަރު ބައްޔަށް ދެވޭ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައެވެ. މި ސިޔާސަތުގެ ދަށުން، ފާއިތުވި ދުވަސްތަކުގައި ބޭނުންނުކުރެވި ހަލާކުވެފައި ހުރި ކެތްލެބްތަކުގެ މައްސަލަތައް ހައްލުކޮށް، އެތަންތަނުގެ ޚިދުމަތް އަލުން ވަނީ ފަށާފައެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރާނެ ޤާބިލު މީހުން ބިނާކުރުމާއެކު، މުޅި ރާއްޖެއަށް މި ޚިދުމަތްތައް ފުޅާކުރުމަކީ މިހާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d