ހދ. އަތޮޅުގެ ރަށްތައް ގުޅިގެން ހަދަން އުޅޭ ބޯޑުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭއިން އަންގައިފި
ފާތިމަތު މިޝްކާ
.jpg&w=3840&q=75)
SHARE
ހދ. އަތޮޅުގެ ރަށްތައް ގުޅިގެން ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރުމަށްޓަކައި އެކުލަވާލަން ނިންމި ބޯޑުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން މިއަދު އަންގައިފިއެވެ.

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލް އިސްވެ އޮވެ، އެ އަތޮޅުގެ ރަށްތައް އެކުވެގެން ތަރައްގީގެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމާފައެވެ. ނަމަވެސް އެލްޖީއޭއިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ސަރުކާރުން އަތޮޅު އޮފީސްތައް އުވާލުމާ ގުޅިގެން އަތޮޅުތަކުގެ ތަރައްގީގެ ޒިންމާއަކީ އެ އޮތޯރިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އަދި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ މަހްފޫމާ ފުށުއަރާ ގޮތަށް، ކައުންސިލްތަކުގެ މައްޗަށް އެކުލެވޭ ވަކި ބޯޑެއް ހަދައިގެން މަސައްކަތް ކުރުމުގެ ގާނޫނީ ބާރެއް ކައުންސިލްތަކަށް ލިބިގެން ނުވާކަމަށް އެލްޖީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އަންގައި، އެފަދަ ބޯޑެއް ހަދަން ނިންމި ގާނޫނީ އަސާސަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
އެލްޖީއޭގެ މި އެންގުމާ ގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވިގޮތުގައި މި ބޯޑު ހެދުމުގެ މައިގަނޑު މަގުސަދަކީ އެލްޖީއޭއިން ނުވަތަ އަތޮޅު ކައުންސިލްތަކުން ދޭ ހިދުމަތްތަކެއް ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ހދ. އަތޮޅުގެ ރަށްތައް އެކުވެގެން، އަތޮޅުގެ ތަރައްގީއަށް ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، ރައްޔިތުންނަށް އެދެވޭ ނަތީޖާއެއް ހޯދައިދިނުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ މުޅި ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި މަސައްކަތެއް ކަމަށް ވުމުން، އެލްޖީއޭއިން ދައްކާ ބިރަކަށް އެ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވާފައެވެ.


