އެކި ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން އިންޑިއާގެ "އެކްޓް އީސްޓް" ޕޮލިސީ އިތުރަށް ހަރުދަނާވެގެންދާނެ: މޯދީ
ސައިފުﷲ އަލީ
.jpg&w=3840&q=75)
އިންޑިޔާގެ ބޮޑުވަޒީރު މޯދީ
SHARE
ދުނިޔޭގެ އެކި ގައުމުތަކަށް ކުރާ ދަތުރުތަކުން އިންޑިޔާގެ "އެކްޓް އީސްޓް ޕޮލިސީ" ވަރުގަދަވެގެންދާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ ވިދާޅުވީ އިންޑޮނޭޝިއާ، އޮސްޓްރޭލިއާ އަދި ނިއުޒީލެންޑަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ސަބަބުން އިންޑިއާގެ 'އެކްޓް އީސްޓް ޕޮލިސީ'، 'މަހާސާގަރް ވިޝަން' އަދި މިނިވަން، ހުޅުވާލެވިފައިވާ އަދި އެންމެން ޝާމިލްވާ އިންޑޯ-ޕެސިފިކް ސަރަޙައްދަކަށް އިންޑިޔާއިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ޖުލައި 6 އިން 11 އަށް ތިން ޤައުމަކަށް ކުރައްވާ މި ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން މޯދީ ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން މި ތިން ޤައުމާއި އިންޑިއާއާ ދެމެދު އޮތް ދޭދޭ ގުޅުންތަކަށް ލިބިފައިވާ ބޮޑު ކުރިއެރުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.
"އިރުމަތީ އަދި ދެކުނު އިންޑިއާ ކަނޑުގައިވާ އިންޑޮނޭޝިއާ އަދި އޮސްޓްރޭލިއާއަށް، އަދި އޭގެ ފަހުން ނިއުޒީލެންޑަށް އަޅުގަނޑު ކުރާ ދަތުރުގެ ސަބަބުން އިންޑިއާގެ 'އެކްޓް އީސްޓް ޕޮލިސީ'، 'މަހާސާގަރް ވިޝަން' އަދި މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަޙައްދަކަށް އަޅުގަނޑުމެން ގެންގުޅޭ ވިސްނުން އިތުރަށް ހަރުދަނާވެގެންދާނެ،" ބަޔާނުގައި މޯދީ ވިދާޅުވިއެވެ.
މަހާސާގަރް (މިއުޗުއަލް އެންޑް ހޮލިސްޓިކް އެޑްވާންސްމަންޓް ފޯރ ސެކިއުރިޓީ އެކްރޮސް ދަ ރީޖަންސް) އަކީ ހުރިހާ ސަރަޙައްދެއްގެ ސަލާމަތާއި ކުރިއެރުމަށް އިންޑިއާއިން ގެންގުޅޭ ތަސައްވުރެވެ.
"2018 ވަނަ އަހަރު އަޅުގަނޑު އިންޑޮނޭޝިއާއަށް ކުރި ފުރަތަމަ ދަތުރުގައި، އިންޑިއާ އާއި އިންޑޮނޭޝިއާގެ ދޭދޭ ގުޅުން ވަނީ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނަރޝިޕަކަށް މަތިކުރެވިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި އިންޑޮނޭޝިއާގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށާއި، ރައީސް ޕްރަބޯވޯއާއެކު ޔޮގްޔަކާޓާގައި ހުންނަ ޕްރަމްބަނަން ފައްޅީގެ ކޮމްޕްލެކްސްއަށް ޒިޔާރަތްކުރައްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ސަގާފީ ގުޅުމުގެ އަލިގަދަ ހެއްކެކެވެ.
އިންޑޮނޭޝިއާއަށް ފަހު، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްގެ ދައުވަތަކަށް މޯދީ ވަޑައިގަންނަވާނީ މެލްބަންއަށެވެ.
"މި ދަތުރުގެ ސަބަބުން އަޅުގަނޑުމެންގެ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނަރޝިޕް ވަރުގަދަވެގެންދާނެ، އަދި ބޮޑުވަޒީރު އަލްބަނީޒްއާއެކު ބާއްވާ މަޝްވަރާތަކުގައި ދިފާއީ، ސަލާމަތީ، ވިޔަފާރި، އިންވެސްޓްމަންޓް، ތަޢުލީމު، މޮބިލިޓީ އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކުގެ ދާއިރާއިން އަޅުގަނޑުމެންގެ ގުޅުންތައް ކުރިއަށް ގެންދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އޮސްޓްރޭލިއާގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާ މެލްބަންގައި ބައްދަލުކުރައްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.
ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޯފަރ ލަކްސަންގެ ދައުވަތަކަށް އެމަނިކުފާނު ވަޑައިގަންނަވާނީ އޯކްލަންޑަށެވެ.
އިޤްތިޞާދީ، ވިޔަފާރި އަދި ކޮމާޝަލް ގުޅުންތައް އިތުރަށް ފުޅާކުރާނެ ގޮތްތަކާ މެދު ލަކްސަންއާ އެކު މަޝްވަރާކުރައްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު، ދޭދޭ ވިޔަފާރިއާއި ކޮމާޝަލް ގުޅުންތައް ހަރުދަނާކުރުމަށް އިންޑިއާ އާއި ނިއުޒީލެންޑުން ވައުދުވެފައިވާ ކަމަށް މޯދީ ވިދާޅުވި އެވެ.


.jpg&w=3840&q=75)
