ފުޑް ކޯޓުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރި 27 ބިދޭސިއަކު އިމިގްރޭޝަނުން ހިފަހައްޓައިފި
އައިޝަތު ހިދާޔާ

SHARE
މާލޭ ހުޅަނގު ފުޑް ކޯޓުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރި 27 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުޑް ކޯޓުގައި ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާތީ އިމިގްރޭޝަނުން ރޭ ވަނީ އެ ސަރަހައްދަށް ޚާއްސަކޮށް އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ. މި އޮޕަރޭޝަންގައި މުޅި ޖުމުލަ 88 ބިދޭސީން ބަލައިފާސްކޮށްފައި ވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސީން މި އޮޕަރޭޝަންގައި ފާހަގަކުރެވިފައި ވާކަމަށެވެ. އަދި އެމީހުން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އެ އިދާރާއިން ބުންޏެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ގިނަ ބިދޭސީން ވަނީ ޑީޕޯޓު ވެސް ކޮށްފައެވެ.
ބިދޭސީން ގަވާއިދަށް ފެއްތުމަށް އޮޕަރޭޝަން "ކުރަންގި"ގެ ނަމުގައި ވެސް ސަރުކާރުން ވަނީ އޮޕަރޭޝަނެއް ފަށައިފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ވެސް ހޯމް މިނިސްޓްރީން އެއްކުރިއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް މި އޮޕަރޭޝަންގެ ދަށުން ދެއެވެ.



