ފުންފަޅުގޭގައި ރޯވީ ޕަވާ ބޭންކެއް ގޮވައިގެން، ބޮޑެތި ގެއްލުންތަކެއް ލިބުނު
ފާތިމަތު މިޝްކާ
.jpg&w=3840&q=75)
SHARE
މާލޭގެ ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާ މެދުވެރިވީ އެނދުމަތީގައި ޗާޖަށް ޖަހާފައި އޮތް ޕަވާ ބޭންކެއް ގޮވައިގެން ކަމަށް އެގޭގައި ދިރިއުޅޭ މީހުން ބުނެފިއެވެ.

"ނުކުތާ" އާ ވާހަކަދެއްކި ފުންފަޅުގޭގައި ދިރިއުޅޭ ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި، ހޯމަ ދުވަހުގެ ރޭ 10:50 ހާއިރު އެ ގޭގެ ފަސް ވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓެއްގައި އަލިފާން ރޯވީ ކޮޓަރީގެ އެނދުމަތީގައި ޗާޖަށް ޖަހާފައި އޮތް ޕަވާ ބޭންކެއް ގޮވުމުގެ ސަބަބުންނެވެ. މި ހާދިސާގައި އަލިފާން ރޯވި ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އޭގެތެރޭގައި އިމާދުއްދީން ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވާ ކުއްޖެއްގެ ހުރިހާ ފޮތްތަކެއްވެސް ހިމެނެއެވެ.
މީގެ އިތުރުން އެ އެޕާޓްމަންޓުގެ އެހެން ކޮޓަރިތަކަށާއި ސިޓިން ރޫމަށް، އަދި ހަ ވަނަ ފަންގިފިލާއަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
މި ހާދިސާގައި އަލިފާނުގެ ސަބަބުން އުފެދުނު ބޯ ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އެގޮތުން އައިޖީއެމްއެޗް އިން 25 މީހަކަށް ފަރުވާދީފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުން ވަނީ ތިން މީހަކަށް ފަރުވާދީފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ފުންފަޅުގޭގައި ދިރިއުޅޭ 58 އަށްވުރެ ގިނަ މީހުންނަށް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިދީފައެވެ. މިގޮތުން އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައެވެ.



