އާސަންދައިގެ ދަށުން ރާއްޖޭން ބޭރުން އެންމެ ގިނަ އަދަދަކަށް ފަރުވާހޯދަނީ ކެންސަރު ބައްޔަށް
އައިޝަތު ހިދާޔާ

މިނިސްޓރަު މަޖިލީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް
SHARE
ރާއްޖޭގެ ސިއްހީ އިންޝުއަރެންސް ސްކީމް, އާސަންދައިގެ ދަށުން އެންމެ ގިނަ ބަޔަކު ރާއްޖޭން ބޭރުން ފަރުވާ ހޯދަނީ ކެންސަރު ބައްޔަށް ކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ މިއަދު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ, ފާއިތުވި ތިން އަހަރަށް ބަލާއިރު އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވި މީހުންގެ އަދަދު މަދުކުރެވިފައި ވާކަމަށެވެ. އެގޮތުން 2023ވަނަ އަހަރާ އަޅައިބަލާއިރު މިދިޔަ އަހަރު އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ޚިދުމަތް ހޯދި މީހުންގެ އަދަދު 338 މީހުން މަދުވެފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ތަފާތު އަދަދުން ނުފެންނަ މައިގަނޑު ސަބަބަކީ ކެންސަރު ބައްޔަށް ރާއްޖެއިން ބޭރަށް ފޮނުވާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގޮތުން 2023ވަނަ އަހަރާ އަޅައިބަލާއިރު 2025ވަނަ އަހަރު 483 މީހުން ވަނީ ކެންސަރާ ގުޅުންހުރި ކަންކަމުގައި ރާއްޖޭން ބޭރުން ފަރުވާ ހޯދާފައި. ރާއްޖޭން ބޭރަށް ފަރުވާއަށް ފޮނުވޭ ކަންކަމުގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާއަށް ފޮނުވާ ފަރާތްތައް އުނިކޮށްފައި ދެން ރެފާ ކުރެވޭ ޚިދުމަތްތަކަށް ބަލާކަމުގައިވާނަމަ, ރާއްޖޭން ބޭރަށް ފޮނުވިފައިވާ އަދަދު 2023ވަނަ އަހަރާ އަޅައިބަލާއިރު 2025ވަނަ އަހަރު 821 މީހުން ވަނީ މަދުވެފައި," މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ފުޅާކުރުމާއި ރާއްޖޭގައި ހުރެގެން ބޭސްފަރުވާ ކުރެވޭނެ ލުއި ފަސޭހަ ގޮތްތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް މީހުން ފޮނުވަން ޖެހޭ މައިގަނޑު ސަބަބަކީ ރާއްޖޭގައި މިވަގުތު ނުދެވޭ ސްޕެޝަލިސްޓް ފަރުވާތަކައި, ބޮޑެތި އޮޕަރޭޝަންތަކާއި, ކެންސަރާއި ނާރުގެ ބަލިތަކަށް ބޭނުންވާ ޚާއްސަ ޚިދުމަތް ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ, އުރަމަތީގެ ކެންސަރު ތަހުލީލުކުުރުމަށް މާލޭ ސަރަހައްދާއި ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލެއްގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލުގައި މެމޯގްރަޕީގެ ޚިދުމަތް ގާއިމްކޮށްފައި ވާކަމަށެވެ. މި ޚިދުމަތް ރާއްޖޭގައި ތިބެގެން 750 މީހުން ހޯދާފައިވާއިރު, ށ. އަތޮޅު ހޮސްޕިޓަލާއި, ހއ. އަތޮޅު ހޮސްޕިޓަލާއި ގއ. އަތޮޅު ހޮސްޕިޓަލުގައި މި ޚިުދމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން އެންމެ ގިނައިން ފެންނަކީ އުރަމަތީގެ ކެންސަރު, އަނގައަށް ޖެހޭ ކެންސަރި އަދި ފުއްޕާމޭގެ ކެންސަރެވެ. ކެންސަރަށް ފަރުވާ ދިނުމަށް ހާއްސަ މަލްޓި ސްޕެޝަލިޓީ ކޮސްޕިޓަލެއް ހުޅުމާލޭގައި ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް މީގެކުރިން ޤީލާ ވިދާޅުވިއެވެ.
މި ހޮސްޕިޓަލުން ކެމންސަރަށް ބޭނުންވާ އަސާސީ ފަރުވާ 2028ވަނަ އަހަރުގެކުރިން ދޭން ފެށޭނެކަމަށް އޭރު ގީލާ ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ކީމޯތެރަޕީ ދޭ ހޮސްޕިޓާތަކުގެ ތެރޭގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުންހިންގާ އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލް ހިމެނެއެވެ.



