ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެންނަން އުުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
އައިޝަތު ހިދާޔާ

SHARE
މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެންނަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ, މިދިޔަ މަހުގެ 18ވަނަ ދުވަހު ކަމަށެވެ. މިއީ ސިންތެޓިކް ކެތިނޯން ކިޔާ ބާވަތެއްގެ މަސްތުވާ އެއްޗެއް ކަމަށާއި މީގެ ބަރުދަނުގައި 3610 ގްރާމް ހުރިކަމަށް ކަސްޓަމުން ބުންޏެވެ.
ކަސްޓަމުން ބުނީ މި ތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރުވާނެކަމަށެވެ.
މި ތަކެތި ޕޯސްޓު މެދުވެރިކޮށް އަތުލައިގެންފައި ވާއިރު, ކަނޑުމަގުންނާއި ވައިގެ މަގުން އެތެރެކުރަން މަސައްކަތް ކުރި މަސްތުވާތަކެތި ވެސް މިފަހުން ކަސްޓަމުން ވަނީ އަތުލައިގެންފައެވެ.
ކަސްޓަމުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަގޮތުގައި ވޭތުވެދިޔަ ދެ އަހަރާ ބައިގައި ކަސްޓަމްސް ސާވިސްއިން 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.
ދެހާސްއެކާވީސްވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ހަމައަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗަށްވުރެ ވޭތުވެދިޔަ ދެ އަހަރާ ބައިގެ ތެރޭގައި އަތުލައިގަނެވިފައިވާ މަސްތުވާތަކެތީގެ އަދަދު ގިނަ ކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ފަސް އަހަރުގެ އެ މުއްދަތުގައި ކަސްޓަމުން އަތުލައިގެންފައި ވަނީ 247 ކިލޯގެ މަސްތުވާތަކެއްޗެވެ. މިއީ 116 މައްސަލައެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެއްޗެވެ.
ކަސްޓަމުން ބުނިގޮތުގައި ވޭތުވެދިޔަ ދެ އަހަރާ ބައިގައި މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު ވަނީ 27 ޕަސަންޓު އިތުރުވެފައެވެ. އަދި އަތުލައިގަނެވުނު ތަކެތީގެ ބަރުދަން ވަނީ 31 ޕަސަންޓު އިތުރުވެފައެވެ.



