logo

ފުރަތަމަ ހަތް މަސް ތެރޭ 144 ކިލޯ މަސްތުވާތަކެތި އަތުލައިގެންފި، ދެން އަމާޒު އޮތީ ފަންޑު ކުރާ މީހުން ހޯދުމަށް

ފާތިމަތު މިޝްކާ

11 އޯގަސްޓު 2026 - 11:37
ފުރަތަމަ ހަތް މަސް ތެރޭ 144 ކިލޯ މަސްތުވާތަކެތި އަތުލައިގެންފި، ދެން އަމާޒު އޮތީ ފަންޑު ކުރާ މީހުން ހޯދުމަށް

މަނަދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ފޮޓޮއެއް

SHARE

2026 ވަނަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ ހަތް މަސް ތެރޭ މަސްތުވާތަކެތީގެ މައްސަލަތަކުގައި މުޅި ރާއްޖެއިން 1،875 މީހުން ހައްޔަރުކޮށްފައިވެ އެވެ. އަދި ދެން އަމާޒު ހިފާފައި އޮތީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް ފައިސާއާ ގުޅުންހުރި ތަހުގީގުތައް ކުރިއަށް ގެންދިޔުމަށް ކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ޖެނުއަރީ 1 އިން ޖުލައި 31 ގެ ނިޔަލަށް މާލެ ސަރަހައްދާއި އަތޮޅުތެރެ ހިމެނޭގޮތަށް ޖުމްލަ 1،141 އޮޕަރޭޝަން ފުލުހުން ވަނީ ހިންގާފައެވެ. އިންޓެލިޖެންސް މައުލޫމާތާއި އޮޕަރޭޝަނަލް ބޭނުންތަކަށް ބިނާކޮށް ހިންގުނު މި ހަރަކާތްތަކުގައި 23،249 މީހުންނާއި، 7,309 ތަނެއް ވަނީ ބަލައިފާސްކޮށްފައެވެ. މުޅި ރާއްޖެއިން ހިންގުނު މި އޮޕަރޭޝަންތަކުގައި ޖުމްލަ 144.341 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއި، 1،856 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެ އެވެ.

މުޅި ރާއްޖޭގައި، ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 1،533 މައްސަލައެއް ތަހުގީގުކުރިއިރު، މީގެ ތެރެއިން 634 މައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެ އެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން 17 އަތޮޅެއްގައި 260 އިންޓެލިޖެންސް-ލެޑް އޮޕަރޭޝަން ހިންގާފައިވާއިރު، މި އޮޕަރޭޝަންތަކުގައި 298 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރި މައްސަލަތަކަށް ބަލާއިރު، 377 މައްސަލައެއް ވަނީ ތަހުގީގު ކޮށްފައެވެ. މީގެ ތެރެއިން 256 މައްސަލަ (67 އިންސައްތަ) ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވިފައެވެ. ޑްރަގް އެންފޯސްމަންޓުން އެކަނިވެސް 137.0296 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، މީގެ މަގުމަތީގެ އަގު 120،243،100 ރުފިޔާއަށް އަރައެވެ. އަދި 845 ފުޅި ބަނގުރާ އަތުލައިގަނެފައިވާއިރު، މީގެ އަގަކީ 960،900 ރުފިޔާއެވެ. އެހެންކަމުން އަތުލައިގަތް ތަކެތީގެ ޖުމްލަ އަގު 121،204،000 ރުފިޔާއަށް އަރާކަމަށް ފުލުހުން ހާމަކުރެ އެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މިންގަނޑަށް ފެތޭ 94 މައްސަލައެއް ތަހުގީގުކޮށްފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން 147 މީހަކު ހައްޔަރުކޮށްފައިވާއިރު، 83 މައްސަލަ (88 އިންސައްތަ) ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d