ދަރިވަރުން ކިޔެވުމަށް އަމިއްލައަށް ޒިންމާވެ, ޓިއުޝަންގެ ސަގާފަތާ ދުރުވުން މުހިންމު: ޝަފީއު
އައިޝަތު ހިދާޔާ

SHARE
ސްކޫލު ދަރިވަރުން ކިޔެވުމަށް އަމިއްލައަށް ޒިންމާވެ, ރާއްޖޭގައި މިހާރު އޮތް ޓިއުޝަންގެ ސަގާފަތާ ދުރުވުން މުހިންމު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޝަފީއު މިފަދައިން ވިދާޅުވީ, މިއަދު އޮތް މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިިނިސްޓަރު ވިދާޅުވީ, ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 12ގެ ދަރިވަރުން ވެސް މިހާރަށްވުރެ ބޮޑަށް ކިޔެވުމަށް ޒިންމާވާން ޖެހޭ ކަމަށެވެ. މިއީ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމުގައި ވެސް މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, ދަރިވަރުން ކިޔެވުމަށް ޝައުގުވެރިކަން އިތުރުކޮށް ކިޔެވުމުގައި އަމިއްލައަށް ޒިމްނާ ނަގާނަމަ, ކުދިންގެ ވިސްނުމާއި ފިލާވަޅު އުނގެނުމަށް ބޭނުންވާ އުކުޅުތައް ތަރައްގީވާނެ ކަމަށެވެ.
ކަންކަން ބަލައި ހޯދައި, ކަންކަމަށް ފިކުރުކުރާ ދަރިވަރުން ކިޔެވުމުގައި ގިނަ ދުވަހު ދެމިހުންނަކަށް ދިރާސާތަކުން ހޯދިފައި ވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް މި އޮތީ ޓިއުޝަންގެ ސަގާފަތެއް އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައި. ދަރުވަރު މަދަރުސާގައި ހަ ގަޑިއިރު ހޭދަކޮށްފައި ގެއަށް މިދަނީ. ގެއަށް ދިއުމަށް ފަހުގައި ވެސް ވަރަށް ގިނަ ކުދިން ގޭގައި ގާތްގަނޑަކަށް ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދޭތެރޭގެ ވަގުތެއް އެބަ ހޭދަކުރޭ ޓިއުޝަނުގައި," މިނިސްޓަރު ވިދާޅުވިއެވެ.
ދަރިވަރުންނަށް މަދަރުސާއިން ބޭރުން ވެސް އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, އެ އެހީތެރިކަން ދޭންވާނީ މަދަރުސާގެ ފިލާވަޅުތަކުގައި ކުދިންގެ ބައިވެރިވުން ނުގެއްލޭ ކަހަލަ ގޮތަކަށް ކަމަށެވެ.
"ކުދިންނަށް ވިސްނައިދެވެން ޖެހޭ އެބަ ސްކޫލު މަދަރުސާގައި, ކްލާހުގައި ކިޔަވައިދޭ ފިލާވަޅަށް ބޮޑަށް ސަމާލުކަން ދޭން," މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން, ގޭތެރޭގައި ހޭދަކުން ދަރިވަރުންނަށް ލިބޭ ގިނަ ވަގުތު ޓިއުޝަނުގައި ހޭދަކުރަން ޖެހޭނަމަ އެކަމުގެ ނޭދެވޭ އަސަރު ވެސް ދަރިވަރުންނަށް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ނަފުސާނީ ދުޅަހެޔޮކަން, ދަރިވަރުން އެބަ ޖެހޭ ކުޅިވަރުގައި ޝާމިލުވާން. ހުސް ވަގުތުގައި ހިތް އުފާވާ ކަންކަން ކުރަން. އަދި ހަމަ އެއާއެކު އަމިއްލައަސް ވަގުތު މެނޭޖްކުރުމުގެ ގާބިލްކަން ވެސް އަޅުގަނޑުމެން ޖެހޭ ދަރިވަރުންނަށް ފޯރުކޮށްދޭން," މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ, އަމިއްލައަށް ދިރާސާކޮށް ކިޔެވުމަށް ޒިންމާވެގެން ދަސްކުރާ ފިލާވަޅު ދަރިވަރުންގެ ހިތުގައި ހަރުލާ މިންވަރު ބޮޑުކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންކަމުން މިއީ މިކަމާމެދު ހޭލުންތެރިކަން އިތުރުކޮށް, ވިސްނައި ފިޔަވަޅުތައް އަޅަން މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ގުޅުންހުރި
މުދައްރިސުންނަށް ހައްގު ޝަރަފު ދިނުމަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް މިނިސްޓަރުގެ އިލްތިމާސެއް

