ބަންގްލަދޭޝްއަށް ކުރަމުންދާ ވިއްސާރާގައި 44 މީހުން މަރުވެ މިލިއަނަކަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައި
މިންހާ އަބްދުالله

ބަންގްލަދޭޝްއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން: ފޮޓޯ/ ރިއުޓާޒް
SHARE
ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި 44 މީހުން މަރުވެފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓުކޮށްފި އެވެ.

ބަންގްލަދޭޝްގެ ދެކުނުގެ ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވެ އެވެ. މިކަމުގެ ސަބަބުން ދެ ލައްކައަށް ވުރެ ގިނަ ގެތަކަށް މިކަމުގެ އަސަރުކޮށް މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓުކުރެ އެވެ. ވިއްސާރައިގެ އަސަރު 7 ސަރަހައްދަކަށް ކޮށްފައިވެ އެވެ.
މިކަމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
ބޯ ވިއްސާރައިގެ ސަބަބުން ކަރަންޓު ކެނޑުމާއި، މަގުތައް ހަލާކުވެ މުއާމަލާތްކުރުމުގެ ހިދުމަތްތައް ވެސް ވަނީ މެދުކެނޑިފަ އެވެ. މިކަމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް ބުރޫ އަރަ އެވެ. އެހެންނަމަވެސް ފެނާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އަދި ޒަރޫރީ އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އެގައުމުގެ މިލިޓަރީއިން އަންނަނީ ކުރަމުންނެވެ.
އެގައުމަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި އެގައުމަށް ބަދަލުވި ރޮހިންޔާގެ ރެފިޔުޖީންތަކެއް ވެސް ވަނީ މަރުވެފަ އެވެ.


