މޯދީގެ ސެލްފީ ވީޑިޔޯއަށް 15 މިލިއަން ލައިކްސް، އެއް ރޭ މަތިން އިތުރު 1 މިލިއަން ފޮލޯވަރުން
ފާތިމަތު މިޝްކާ

މޯދީގެ ވައިރަލްވި ސެލްފީ ވީޑިޔޯ
SHARE
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންސްޓަގްރާމްގައި ޕޯސްޓުކުރި ސެލްފީ ވީޑިޔޯއެއް ވައިރަލްވެ އެއް ރޭ މަތިން އިތުރު 1 މިލިއަން ފޮލޯވަރުން ލިބިއްޖެ އެވެ.

އެގައުމުގެ ޓެސްޓު ޕޭޕަރެއް ލީކުވުމުގެ ސަބަބުން ދަރިވަރުންނާއި ޖެން-ޒީ ޒުވާނުން ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން މޯދީ މީގެ ކުރިން އެކްސްގައި ޕޯސްޓެއް ވެސް ކުރެއްވި އެވެ.
މީގެ އެއް ދުވަސް ކުރިން މޯދީ ޕޯސްޓު ކުރެއްވި ވީޑިޔޯއަށް 15 މިލިއަން ލައިކްސް ލިބިފައިވާއިރު ވީޑިޔޯއަށް 1.3 މިލިއަން ކޮމެންޓު ލިބިފައިވެ އެވެ.
ގިނަ ބައެއްގެ ސަމާލުކަން މި ވީޑިޔޯއަށް ލިބުނީ ވީޑިޔޯ ރިކޯޑު ކުރުމަށް މޯދީ ފޯނު ބައިންދަވާފައި އިން އޭންގަލްގެ ސަބަބުންނެވެ.
ވޭތުވެދިޔަ 11 އަހަރު ތެރޭ 140 އަށްވުރެ ގިނަ ޓެސްޓު ޕޭޕަރު ލީކުވުމުގެ ހާދިސާ ހިނގާފައިވާއިރު އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާތީ ގިނަ އަދަދެއްގެ ދަރިވަރުންނާއި ޒުވާނުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި ޓެސްޓުގެ ނަތީޖާ ނެރުންވެސް ބައެއް ފަހަރުތަކުގައި އަހަރެއް ދެ އަހަރެއް ލަސްވުމާއި ނަތީޖާ ރީ-ޗެކު ކުރުމަށް ހަރަދުކުރަންޖެހޭ މިންވަރު ނުވަތަ އެކަމުގެ އަގުބޮޑުވުމުން ވެސް ގިނަ ދަރިވަރުންތަކެއް އެކަމާއި ދެކޮޅަށް އަޑު އުފުލަމުން ދެ އެވެ.
ހަމަނުޖެހުންތައް އެންމެ ބޮޑުވި ދުވަހު، މޯދީ ޕޯސްޓު ކުރެއްވި ވީޑިޔޯގައި ވިދާޅުވީ ޕޭޕަރުތައް ލީކުވާ މައްސަލައަށް ހައްލެއް ގެނައުމަށް މިހާރަށްވުރެ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާނެ ކަމަށެވެ. މިއީ އާދައިގެ ކުޑަ މައްސަލައެއް ނޫންކަން އެނގިލައްވާ ކަމަށާއި މިއީ އެތައް ލައްކަ ދަރިވަރުންނާއި މައިންބަފައިންނަށް ހިތްދަތިކަން ގެނުވާނެ މައްސަލަތައްކަން އެނގިލައްވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ފާއިތުވި ދެ މަހާއި ބައިގެ ތެރޭގައި ވެސް ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި އެގޮތުން މި ފަހަރުގެ ޕޭޕަރު ލީކުވުމުގައި ޝާމިލުވާ މީހުން މިހާރު ތިބީ ހައްޔަރުކޮށް ޖަލުގައި ކަމަށް މޯދީ ވިދާޅުވި އެވެ.
މި 22 ލައްކަ ދަރިވަރުންނަށް ވީހާވެސް އަވަހަށް ޓެސްޓު ހެދޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް މޯދީ ވިދާޅުވި އެވެ.

