ސިއްހީ ސަބަބުތަކާ ހުރެ ބަންގްލަދޭޝްގެ ރައީސް އިސްތިއުފާ ދެއްވައިފި، ބައެއް ވަގުތުތަކުގައި ހޭވެރިކަން ގެއްލޭކަން ހާމަކުރެއްވި
މިންހާ އަބްދުالله
އިސްތިއުފާ ދެއްވި ބަންގްލަދޭޝްގެ ރައީސް
SHARE
ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން، ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އޭނާ އިސްތިއުފާ ދެއްވީ ފަސް އަހަރުގެ ދައުރުގެ ތެރެއިން ބާކީ ދެ އަހަރު އޮއްވަ އެވެ. އުމުރުފުޅުން 76 އަހަރުގެ ޝަހާބުއްދީން ހާމަކުރެއްވިގޮތުގައި އޭނާ އިސްތިއުފާދެއްވީ ސިއްހީ ސަބަބުތަކާ ހުރެ އެވެ.
އެހެންނަމަވެސް އޭނާ އިސްތިއުފާ ދެއްވާފައިމިވަނީ އިދިކޮޅުން އޭނާގެ އިސްތިއުފާއަށް ގޮވާލަމުންދާ ދަނޑިވަޅެއްގައިކަން ބޭރުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެނބުރި ގައުމަށް ވަޑައިގަތުމަށް ނިންމާފައިވާ ދަނޑިވަޅެއްގައިކަން ވެސް ފާހަގަކޮށްލެވެ އެވެ.
ޝަހާބުއްދީނާ ހަވާލާދީ އޭނާގެ ޕްރެސް ސެކްރެޓަރީން އާންމު ކުރި ސްޓޭޓްމަންޓެއްގައި ވިދާޅުވީ ދާދިފަހުން ހެދި ޓެސްޓުތަކުން އޮޓޮނޮމިކް ނިޔުރޯޕަތީ ހުރިކަން ހާމަވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ބައެއް ވަގުތުތަކުގައި ހޭވެރިކަން ގެއްލޭ ކަމަށްވެސް ވިދާޅުވި އެވެ.
އެހެންކަމުން މިފަދަ މަގާމެއްގެ ޒިންމާ މިވަގުތު އުފުލެން ނެތް ކަމަށް ޝަހާބުއްދީން ހާމަކުރެއްވި އެވެ.
ބަންގްލަދޭޝްގެ ގާނޫނު އޮންނަގޮތުން ރައީސްގެ އިސްތިއުފާ ސިޓީ ހުށަހަޅުއްވަން ޖެހެނީ މަޖިލީހުގެ ރައީސަށެވެ. އަދި އިސްތިއުފާ ދެވޭނީ މަޖިލީހުގެ ރައީސް އިސްތިއުފާ ގަބޫލުކުރެއްވުމުންނެވެ.
ބަންގްލަދޭޝްގެ މަޖިލީހުގެ ރައީސް ހާފިޒުއްދީން އަހުމަދު ވަނީ ޝަހާބުއްދީންގެ އިސްތިއުފާ ގަބޫލުކުރައްވާފަ އެވެ.


