ގުޅުންތައް ވަރުގަދަ ކުރެއްވުމަށް ތިން ގައުމަކަށް މޯދީ ކުރެއްވި ދަތުރުތަކުގެ ކުރު ހުލާސާއެއް!
ސައިފުﷲ އަލީ
މޯދީ ނިއުޒިލޭންޑްއަށް ކުރެއްވި ދަތުރުގެ ތެރެއިން
SHARE

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދާދި ފަހުން އެކި ގައުމުތަކަށް ދަތުރުކުރައްވައި އެ ގައުމުތަކާއެކު އޮންނަ ގުޅުންތައް ވަރުގަދަ ކުރެއްވުމަށް މަޝްވަރާތައް ކުރައްވައި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވެ އެވެ.
އެގޮތުން އޮސްޓްރޭލިޔާ، އިންޑޮނޭޝިޔާ އަދި ނިއުޒިލޭންޑްއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރައްވައި އަދި ހާސިލްކުރެއްވި ބައެއް ކަންކަމުގެ ތަފްސީލުތަކަށް އަލިއަޅުވައިލާނަމެވެ.
ނިއުޒިލޭންޑްއަށް މޯދީ ވަޑައިގެންނެވިއިރު، މިއީ 1986 ވަނަ އަހަރަށްފަހު އިންޑިޔާގެ ޕްރައިމް މިނިސްޓަރަކު އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މޯދީ އެ ގައުމަށް މި ވަޑައިގަތީ ދެ ގައުމުގެ މެދުގައި ސޮއިކުރި ތާރީހީ ފްރީ ޓްރޭޑް އެގްރީމަންޓްގެ ތިން މަސް ފަހުންނެވެ.
ދެ ގައުމުން ގުޅިގެން ނެރުނު ޖޮއިންޓް ބަޔާނުގައި ބުނެފއިވަނީ ދެ ގައުމުގެ ބޮޑު ވަޒީރުންވެސް ދިފާއީގޮތުން މިހާރުވެސް އޮންނަ ގުޅުން އިތުރަށް ދެމެހެއްޓުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މެރިޓައިމް ކޯޕަރޭޝަން އިތުރަށް ވަރުގަދަ ކުރުމަށާއި 2030 ވަނަ އަހަރު އަންނަންވާއިރަށް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވޭ މުދަލާއި ހިދުމަތްތައް ދެގުނައަށް އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
މޯދީ ނިއުޒިލޭންޑަށް ވަޑައިގަތުމުން އެ ގައުމުގެ ސްކައި ޓަވަރު ވަނީ އިންޑިޔާގެ ގައުމީ ދިދައިގެ ކުލަތަކުން ދިއްލާލާފަ އެވެ.
އެ ގައުމަށް ކުރެއްވި ޒިޔާރަތަށްފަހު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގައުމުގައި އުޅެމުންދާ އިންޑިޔާގެ ރައްޔިތުންގެ ކީ މަރުހަބާއިން ހިތް އުފަލުން ފުރިފައިވާކަމަށެވެ. 4 ދަހަރު (40 އަހަރު) ވަންދެން އިންޑިޔާގެ ޕްރައިމް މިނިސްޓަރަކު އެ ގައުމަށް ވަޑައިގަންނަވާނެކަމުގެ އިންތިޒާރުގައި އެގައުމުގައި ދިރިއުޅޭ އިންޑިޔާ ރައްޔިތުން ތިބިއިރު، އެހެން ގައުމެއްގައި އުޅުން ނަމަވެސް އެ މީހުންގެ ހިތުގައި އަމިއްލަ ގައުމާއިމެދު އޮތް ލޯތްބާއި ގުޅުން ފިލައިގެން ނުދާކަން ހާމަވާކަން މޯދީ ވިދާޅުވި އެވެ.
ނިއު ޒިލޭންޑްގައި އުޅޭ އިންޑިޔާގެ ރައްޔިތުންނާ މޯދީ ބައްދަލުކުރައްވަނީ
އިންޑޮނޭޝިޔާއަށް މޯދީ ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ސްޓެރެޓެޖިކް ގުޅުން ވަރުގަދަކުރުމަށް މަޝްވަރާ ކުރައްވާފައިވެ އެވެ. އަދި ޑިފެންސްގެ ދާއިރާ، ތައުލީމާއި ސިއްހަތު ހިމެނޭހެން ޖުމްލަ 16 ދާއިރާއެއްގެ އެއްބަސްވުމެއްގައި ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވެ އެވެ.
އިންޑޮނޭޝިއާ އަދި އިންޑިޔާ އެއްބަސްވި އާ ޑީލްތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކަނޑުގެ ސަލާމަތާއި ވިޔަފާރި އިތުރުކުރުމަށް އިންޑޮނޭޝިޔާގެ ސިޓީއަކާއި އިންޑިއާގެ އަންޑަމަން އެންޑް ނިކޯބާ އައިލެންޑްސް ގުޅުވައިދޭ ޕޯޓެއް ތަރައްގީ ކުރުމަށެވެ. އަދި އެކި ކަހަލަ މުހިންމު މައުދަންތަކާއި ދަގަނޑު ޖޮއިންޓް ވެންޗާތައް ބަދަލުކުރުމާއި މެދު ވެސް އެއްބަސްވުންތަކަކާ ހަމައަށް އައިސްފައިވެ އެވެ.
ދެ ގައުމުގެ މެދުގައި ދެ ހާހަށް ވުރެ ގިނަ އަހަރުވީ ގުޅުމެއް އޮންނައިރު، އިންޑޮނޭޝިޔާއިން ވަނީ އެ ގައުމުގެ އެންމެ މަތީ ދަރަޖައިގެ މަދަނީ ޝަރަފު މޯދީއަށް އަރުވާފަ އެވެ.
އިންޑޮނޭޝިޔާއިން ވަނީ އެ ގައުމުގެ އެންމެ މަތީ ދަރަޖައިގެ މަދަނީ ޝަރަފު މޯދީއަށް އަރުވާފައި
އޮސްޓްރޭލިޔާއަށް ކުރެއްވި ދަތުރުފުޅުގެ މައުލޫމާތު ހިއްސާކުރައްވަމުން މޯދީ ވިދާޅުވީ އޮސްޓްރޭލިޔާއިން އެ ގައުމަށް ޔުރޭނިއަމް ދިނުމާ މެދު ސޮއިކުރެވުނު އެއްބަސްވުމަކީ ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ. މިއީ އިންޑިޔާގެ ސާފު ހަކަތައިގެ މަޝްރޫއުތަކަށް ލިބުނު އިތުރު ބާރެއް ކަމަށް މޯދީ ވިދާޅުވި އެވެ.
މޯދީ އޮސްޓްރޭލިޔާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ދެ ގައުމު ގުޅިގެން އާންމު ކުރި ޖޮއިންޓް ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ދިގު މުއްދަތަކަށް އޮސްޓްރޭލިޔާއިން އިންޑިޔާއަށް ޔުރޭނިއަމް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ޔުރޭނިއަމް ބޭނުންކުރާނީ ހަމައެކަނި ސުލްހައިގެ ބޭނުންތަކަށް އެކަނި ކަމަށް ބަޔާނުގައިވެ އެވެ.
މި ތިން ގައުމަށް ކުރެއްވި ދަތުރުފުޅު މިހާރު ވަނީ ނިންމަވާލައްވާފަ އެވެ.



