އިންޑިޔާގެ އަޕަރ އައްސާމްގައި ފެންބޮޑުވެ 31 މީހުން މަރުވެއްޖެ
ފާތިމަތު މިޝްކާ

SHARE
އިންޑިޔާގެ އަޕަރ އައްސާމްގެ ސްޓޭޓުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ޖުމްލަ 31 މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފި އެވެ.

އައްސާމް ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 24 ގަޑިއިރު ތެރޭ އެކަނިވެސް 21 މީހުން މަރުވެފައިވެ އެވެ.
ބޯކޮށް ވާރޭ ވެހި ކޯރުތައް ފުރި ބަންޑުންވުމުގެ ސަބަބުން އެ ހިސާބުގެ ސްޓޭޓުތަކުގައި އުޅެމުންދާ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
އެގޮތުން އާދިއްތަ ދުވަހު ތިން ލައްކައެއްހާ މީހުންނަށް މިކަމުގެ އަސަރުކޮށްފައިވާއިރު އަންގާރަ ދުވަހާ ހަމައަށް 5.6 ލައްކަ މީހުންނަށް މިކަމުގެ ގެއްލުންކޮށްފައިވާކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އެންމެ ބޮޑަށް މިކަމުގެ ގެއްލުންކޮށްފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ ސިވާސަގަރް ޑިސްޓްރިކްޓް އަށެވެ. ހޯމަ ދުވަހު އެކަނި ވެސް އެ ޑިސްޓްރިކްޓްއިން 2 ކުޑަކުދިން ހިމެނޭހެން 13 މީހުން މަރުވެފައިވެ އެވެ. އެ ހިސާބަށް އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެ ހިސާބުގެ ދިކޯ ފެންކޯރު ފުރި ބަންޑުން ދިޔުމުގެ ސަބަބުންނެވެ.


