ބިހާރުގައި ދަންވަރުގެ ވަގުތުތަކުގައި ގޭގެއަށްވަދެ މީހުންގެ އިސްތަށިގަނޑު ކޮށަމުންދާ މައްސަލައެއް، އާންމުން ބިރުވެރިކަމެއްގައި
ފާތިމަތު މިޝްކާ

އަންހެނެއްގެ އިސްތަށިގަނޑު ކާކުކަން ނޭންގޭ މީހަކު ކޮށާލާފައި
SHARE
އިންޑިޔާގެ ބިހާރުގެ އަވަށެއްގައި ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި ގޭގެއަށްވަދެ މީހުންގެ އިސްތަށިގަނޑު ކޮށަމުންދާ މީހެއްގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާއިރު މިކަމުގެ ސަބަބުން އެހިސާބުގަނޑުގެ މީހުން ތިބީ ބޮޑު ބިރުވެރިކަމެއް ތެރޭގަ އެވެ. އަށް ދުވަސްތެރޭ ދެ ގެއަކަށް ވަދެ ދެ އަންހެނުންގެ އިސްތަށިގަނޑުން އެތިކޮޅެއް އޭނާ ވަނީ ބުރިކޮށްފަ އެވެ.
މިކަމުގެ ޝިކާރައަކަށްވެފައިވާ މީހަކު އިންޑިޔާގެ ނޫހަކަށް މައުލޫމާތު ދީފައިވާގޮތުގައި އޭނާއަށް މަދު ސިކުންތުކޮޅަކަށް އެވަގުތު ހޭލެވުނެވެ. އަދި އެއްކޮށް ކަޅު އެއްޗެއް ލައިގެން ހުރި މީހަކު ފެނުނު ކަމަށާއި އޭނާ އަތުގައި ދަބަހެއް އޮތްތަން ވެސް ފެނުނު ކަމަށް ކިޔައިދީފައިވެ އެވެ. އެ މީހާ ފެނުނީ މަދު ސިކުންތުކޮޅަކަށް ކަމަށާއި ހިނދުކޮޅެއް ތެރޭ އޭނާ ފިލައިގެން ގޮއްސިކަމަށް އޭނާ ކިޔައިދީފައިވެ އެވެ.
އިސްތަށިގަނޑުން ކޮށާފައިވާ ބިންމަތީގައި އޮއްވައި ފެނުނީ އޭގެ ފަހުން ކަމަށާއި ކަތުރު ވެސް ބިންމަތީ އޮތްކަމަށް އޭނާ ކިޔައިދިނެވެ. އަދި ގޭގައި ގެންގުޅޭ ބައެއް ތަކެތި މުޅި ތަނަށް ހާވަލައި ނުވަތަ އުކާލާފައިވާކަމަށް ކިޔައިދީފައިވެ އެވެ.
އެއްޗެއްގެ ބާރުގައި އޭނާ "ޑްރައުޒީ" ކޮށްލާފައިވާކަމަށް އޭނާ ތުހުމަތު ކުރެ އެވެ. އޭނާ ހޭނައްތާލުމަށް ކޮންމެވެސްކަހަލަ އެއްޗެއް ބޭނުންކޮށްފައިވާކަމަށް ބެލެވޭ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
ކޮށާލާފައިވާ އިސްތަށިގަނޑުން ބައެއް
މިކަމުގެ ސަބަބުން ބައެއް މީހުން ރޭގަނޑު ނުނިދާ ހޭލާ ތިބުމަށް މަޖުބޫރުވެފައިވާކަމަށް ވެސް އިންޑިޔާގެ ހަބަރުތަކުން ރިޕޯޓުކޮށްފައިވެ އެވެ. ފުލުހުންގެ ތަހުގީގުތަކަށްފަހު ވެސް އެއީ ކާކުކަން ދެނެގަނެވޭ ގޮތް ވެފައެއް ނުވެ އެވެ.
މިކަމުގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކާ ބިހާރުގެ މިނިސްޓަރު ބައްދަލުވެސްކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން އާއިލާތައް ތިބީ ހާސްކަމެއްގައިކަން އެނގޭކަމަށާއި މިކަން ކުރަމުންދާ މީހަކު ހޯދައި ހައްޔަރުކުރުމަށް ފުލުހުންނަށް ބާރުއަޅާފައިވާކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.


