ރައީސް ޑރ. މުއިއްޒާ ބައްދަލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލައިފި
ފާތިމަތު މިޝްކާ
.jpg&w=3840&q=75)
SHARE
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ އާންމު ރައްޔިތުންނަށް ސީދާ ބައްދަލުކުރެވޭނެ އިންތިޒާމު ފުޅާކުރުމުގެ ގޮތުން "ރައްޔިތުންގެ އަޑު" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވައިލައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން އެންމެ ފުރަތަމަ މި ފުރުސަތު ހުޅުވައިލައިފައިވަނީ ހުޅުމާލެ އުތުރު ދާއިރާއާއި، ހުޅުމާލެ މެދު ދާއިރާއާއި، އައްޑޫ ހުޅުދޫ ދާއިރާގެ އިތުރުން ހޯރަފުށި ދާއިރާގެ ރައްޔިތުންނަށެވެ. މި ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން ރައީސާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކުން ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ މި ހަފުތާގެ ބުދަ ދުވަހުގެ ދަންވަރު 12 ޖެހުމާ ހަމައަށެވެ.
މި ބައްދަލުވުންތައް އާންމު އުސޫލެއްގެ ދަށުން ކުރިއަށްދާނީ ރައީސް އޮފީހުގައެވެ. ބައްދަލުވުމުގައި ބައިވެރިވެވޭނެ ރައްޔިތުންގެ ތަރުތީބާއި، ބައްދަލުވުން ބާއްވާނެ އަދަދާއި ވަގުތުތައް ކަނޑައަޅާނީ ސީދާ ރައީސް އޮފީހުންނެވެ. މީގެ އިތުރުން، ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ވާހަކަދައްކަން ބޭނުންވާ މައުޟޫއު ކުރިން ހާމަކުރުމުގެ އިޚްތިޔާރު ލިބިގެންވާއިރު، އެކަން ހާމަނުކޮށްވެސް ބައިވެރިވެވޭނެއެވެ. މި ބައްދަލުވުންތަކުގައި އާންމުންނަށް އަމިއްލަ ކަންކަމާއި، ދާއިރާގެ ކަންބޮޑުވުންތަކާއި، އާންމު މަސްލަހަތު އެކުލެވޭ ކަންކަމާ ގުޅޭގޮތުން ރައީސާ މަޝްވަރާކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ކޮންމެ ބައިވެރިއަކަށްވެސް ރައީސާ ވާހަކަދެއްކުމަށް ގިނަވެގެން 10 މިނެޓުގެ ވަގުތެއް ދެވޭނެ ކަމަށާއި، ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް އަމިއްލައަށް ރިކޯޑުކުރުމަކީ މަނާ ކަމެއް ކަމުގައި އުސޫލުގައި ކަނޑައަޅައިފައިވެއެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމުގެ ގޮތުން، ވަކިވަކި ދާއިރާތަކުން ސީދާ އެމަނިކުފާނާ ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުސަތު ފަހިވާނެ ޕްރޮގްރާމެއް ފައްޓަވާނެކަން ރައީސް އިއުލާނުކުރައްވައިފައިވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވި އަހަރުގެ ތެރޭގައިވެސް އެމަނިކުފާނު ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވައި ކައުންސިލުތަކާއި މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.



