މަސްވެރިން އައިސްޕްލާންޓް ބޭނުންކުރާވަރު ދުވަހެއްދުވަހަކަށް ވަނީ މަދު, އެކަކަމު އައިސްޕްލާންޓް އެޅުން ހުއްޓާލެވޭކަށް ނެތް: ޝިޔާމް
އައިޝަތު ހިދާޔާ

އައިސް ޕްލާންޓަކުން އައިސް ނަގަމުން ދަނީ --
SHARE
މަސްވެރިން ލޭންޑްބޭސް އައިސްޕްލާންޓްތައް ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ މަދުވަމުން ނަމަވެސް, އައިސްޕްލާންޓް އެޅުން ހުއްޓާލެވެން ނެތްކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ, އަހަރެއްގެމައްޗަށް މަސްވެރިން މިހާރު ބޭނުންކުރަނީ މިފްކޯގެ ޖުމުލަ ކެޕޭސިޓީގެ 10 ނުވަތަ 12 އިންސައްތަކަމަށް, އެ ކުންފުންޏާ ގުޅިގެން ހެދި ދިރާސާއަކުން ދައްކާކަމަށެވެ. މި އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ މަދުވަމުންކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އަންނަނީ މަސްވެރިންނަށް ލިބޭ އެއްޗެއް އިތުރު ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުން. ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވައުދުފުޅެއް އެއީ ދޯނީގައި ލޮނުފެނުން މަސް ފިނިކުރެވޭނެ ނިޒާމު ގާއިމްކުރުން," މިނިސްޓަރު ވިދާޅުވިއެވެ.
މި ނިޒާމުގެ ސަބަބުން ތެޔޮ އަންދާފައި މަސްވެރިން އައިސްޕްލާންޓުތަކަށް އައިސްގަންނަން ދުއްވަން މުޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ތެލުން ސޭވްވާ އެއްޗެއް އެއީ ހަމަ ޔަގީނުން ވެސް މަސްވެރިޔާގެ ޖީބަށް ދާނެއެއްޗެއް," މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އޭނާ ވިދާޅުވީ, އައިސްޕްލާންޓުތައް ގާއިމްކުރުމަށް ރަށްރަށުގެ މަސްވެރިންގެ ފަރާތުން އަދިވެސް އެދޭކަމަށެވެ. އަދި ފަރުމަސްވެރިކަން މިދުވަސްވަރު ވަރަށް މަގުބޫލުވެފައި ވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ފަރުމަސްވެރިންނަކީ ކުދި އުލަނދުތަކުގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ.
އެހެންކަމުން ރަށްރަށުގައި އައިސްޕްލާންޓު އެޅުން ހުއްޓާލެވެން ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, މި ސަރުކާރުން މިހާރު ވެސް އިތުރަށް ފަސް އައިސްޕްލާންޓް ގާއިމްކޮށްފައި ވާކަމަށާއި ގާތްގަނޑަކަށް އައިސްޕްލާންޓްގެ ކެޕޭސިޓީއަށް 225 ޓަނު އިތުރުކުރެވިފައި ވާކަމަށެވެ.
އަދި މިހާރު ރާއްޖޭގައި 74 އައިސްޕްލާންޓް އޮޕަރޭޓްކުރަމުން އަންނަ ކަމަށާއި މީގެތެރެއިން 27 އައިސްޕްލާންޓް އޮޕަރޭޓްކުރަނީ މިފްކޯއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގުޅުންހުރި

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން ނޯންނާނެ، އެކަމަކު ޖަލްސާ އޮންނާނެ

މަސްވެރިން އައިސްޕްލާންޓް ބޭނުންކުރާވަރު ދުވަހެއްދުވަހަކަށް ވަނީ މަދު, އެކަކަމު އައިސްޕްލާންޓް އެޅުން ހުއްޓާލެވޭކަށް ނެތް: ޝިޔާމް


