ހަފްތާއެއްހާ ދުވަހު ބަންގްލަދޭޝްގެ އިރުދެކުނު ފެނު އަޑީގައި، 51 މީހުން މަރުވެއްޖެ
ފާތިމަތު މިޝްކާ

ބަންގްލަދޭޝްގެ ވެރިރަށް ދާކާ
SHARE
ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގައި މިހާތަނަށް 51 މީހުން މަރުވެއްޖެ އެވެ.

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ސަބަބުން މިހާތަނަށް 38،400 އަށްވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފަ އެވެ.
ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވަމުންދަނީ ބަންގްލަދޭޝްގެ އިރުދެކުނު ސަރަހައްދުތަކަށެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ގެނބިގެންނާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގަ އެވެ.
އެންމެ ގިނަ މީހުން މަރުވި ސަރަހައްދަކީ ކޮކްސް ބާޒާރު ސަރަހައްދެވެ. ޖުމްލަ 23 މީހުން މި ސަރަހައްދުން މަރުވެފައިވާއިރު މީގެ ތެރެއިން 13 މީހުންނަކީ ރޮހިންޔާގެ ރެފިޔުޖީންނެވެ. ކޮކްސް ސަރަހައްދަކީ ގިނަ އަދަދެއްގެ ރެފިޔުޖީން އުޅެމުންދާ ސަރަހައްދެކެވެ.
އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހަށްފަހު ފެންގަނޑު ހިނދެން ފަށައި ފެނުގެ އަސަރު ކުޑަވަމުންދާނެ އެވެ. ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ސަބަބުން 11 ސަރަހައްދެއްގައި ރެސްކިޔު އޮޕަރޭޝަންތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ބަންގްލަދޭޝްއަށް ޖުލައި މަހާއި ސެޕްޓެމްބަރު މަހާއި ދޭތެރޭ އަބަދުވެސް މޫސުމީ ވިއްސާރަ ކުރެ އެވެ.


