13 ރަށެއްގައި އަގުހެޔޮ ފްލެޓް އެޅުމުގެ ބޮޑު މަޝްރޫއެއް އިއުލާންކޮށްފި
ސައިފުﷲ އަލީ
SHARE
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން އަތޮޅުތެރޭގެ 13 ރަށެއްގައި 2،100 ފްލެޓް ތަރައްގީކުރާނެ ދިވެހި ކުންފުނިތަކެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މި މަޝްރޫއަކީ ސައްތައަކުން ސައްތަ ދިވެހި ކުންފުނިތަކަށް ހާއްސަކޮށްގެން، އަމިއްލަ ފަރާތްތަކާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮގަސްޓު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި، މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދާނީ މަސައްކަތާ ހަވާލުވާ ޑިވެލޮޕަރުންނެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި ރިއަލް އެސްޓޭޓް ކުންފުނިތަކަށް ފުރުސަތު ދީ، ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. ކޮންމެ އިމާރާތެއްގެ ގްރައުންޑް ފްލޯ ޕާކިންއާއި ވިޔަފާރީގެ ބޭނުންތަކަށް ހާއްސަކުރެވޭނެއެވެ. މަޝްރޫއުގެ ޖުމްލަ ޔުނިޓްތަކުގެ 60 އިންސައްތަ ހާއްސަކުރަންޖެހެނީ އަގުހެޔޮ ބޯހިޔާވަހިކަމަށެވެ. މީގެ ތެރެއިން ކޮންމެ އަގުހެޔޮ ފްލެޓެއްގެ އެންމެ ބޮޑު އަގަކަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކޮންމެ ޔުނިޓެއްގައި މަދުވެގެން 900 އަކަފޫޓު ހުންނަންވާނެކަމަށް ޝަރުތުކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ގިނަ ފްލެޓް އެޅުމަށް ނިންމާފައިވަނީ ގދ. ތިނަދޫ، ފުވައްމުލައް ސިޓީ، ޅ. ނައިފަރު އަދި އައްޑޫ ސިޓީގެ ހިތަދޫގައެވެ. މިއިން ކޮންމެ ރަށެއްގައި 300 ޔުނިޓް އިމާރާތްކުރާނެއެވެ. މީގެ އިތުރުން ލ. ގަން އަދި އައްޑޫ ފޭދޫގައި 200 ޔުނިޓް އެޅުމަށް ހަމަޖެހިފައިވާއިރު، ހއ. ހޯރަފުށި، ރ. އުނގޫފާރު، މ. މުލި އަދި ދ. މީދޫގެ ކޮންމެ ރަށެއްގައި 100 ޔުނިޓް އަޅާނެއެވެ. ހަމައެއާއެކު ބ. ތުޅާދޫގައި 50 ޔުނިޓް، އަދި އައްޑޫ މަރަދޫއާއި މަރަދޫފޭދޫގައި ކޮންމެ ރަށަކު 25 ޔުނިޓް އިމާރާތްކުރުމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

.jpg&w=3840&q=75)
