logo

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އައިޝަތު ހިދާޔާ

21 ޖުލައި 2026 - 09:14
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

SHARE

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކަސްޓަމުން ބުނީ, މިތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަތުލައިގަން ތަކެތީގެ ތެރޭގައި ހިމެނެނީ 1975 ގްރާމުގެ ކެނަބިހާއި 3565 ގްރާމުގެ ކެނަބިކް ކަމަށް ކަސްޓަމުން ބުންޏެވެ. މިތަކެތީގެ ޖުމުލަ ބަރުދަނުގައި ހުރީ 5540 ގްރާމެވެ.

ކަސްޓަމުން ބުނީ, މިތަކެތި އަތުލައިގެންފައި ވަނީ އިންޑިއާއިން އައި ދެ ފަސިންޖަރުންނާމެދު ޝައްކުވުމުން ލަގެޖު ބަލައިފާސްކުރުމުން ކަމަށެވެ.

މިމަހުގެ ނުވަވަނަ ދުވަހު ވެސް ކަސްޓަމުން ވަނީ ވައިގެމަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައެވެ. އެ ތަކެތީގެ ބަރުދަނުގައި 3.5 ކިލޯހުރިއިރު, އަގު 2.7 މިލިއަން ރުފިޔާއަށްވުރެ ގިނަ ވާނެކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަގޮތުގައި ވޭތުވެދިޔަ ދެ އަހަރާ ބައިގައި ކަސްޓަމްސް ސާވިސްއިން 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

ދެހާސްއެކާވީސްވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ހަމައަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗަށްވުރެ ވޭތުވެދިޔަ ދެ އަހަރާ ބައިގެ ތެރޭގައި އަތުލައިގަނެވިފައިވާ މަސްތުވާތަކެތީގެ އަދަދު ގިނަ ކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ފަސް އަހަރުގެ އެ މުއްދަތުގައި ކަސްޓަމުން އަތުލައިގެންފައި ވަނީ 247 ކިލޯގެ މަސްތުވާތަކެއްޗެވެ. މިއީ 116 މައްސަލައެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެއްޗެވެ.

ކަސްޓަމުން ބުނިގޮތުގައި ވޭތުވެދިޔަ ދެ އަހަރާ ބައިގައި މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު ވަނީ 27 ޕަސަންޓު އިތުރުވެފައެވެ. އަދި އަތުލައިގަނެވުނު ތަކެތީގެ ބަރުދަން ވަނީ 31 ޕަސަންޓު އިތުރުވެފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d