logo

ސްރީލަންކާއަށް 10 މިލިއަން ރުޕީސްގެ ޑްރަގް އެތެރެކުރި ދެ ދިވެހިން ހައްޔަރުކޮށްފި

ސައިފުﷲ އަލީ

24 ޖުލައި 2026 - 19:32
ސްރީލަންކާއަށް 10 މިލިއަން ރުޕީސްގެ ޑްރަގް އެތެރެކުރި ދެ ދިވެހިން ހައްޔަރުކޮށްފި

SHARE

ސްރީލަންކާއަށް 10 މިލިއަން ސްރީލަންކާ ރުޕީސްގެ އަގުހުރި މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިން، އެ ގައުމުގެ ޕޮލިސް ނާކޮޓިކް ބިއުރޯއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ކަޓުނަޔަކަ އެއާޕޯޓަށް ދިޔަ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މެންދުރު 12:15 ހާއިރު އޭނާ އެއާޕޯޓަށް ފޭބުމާއެކު ބަލައި ފާސްކުރިއިރު، ހަށިގަނޑުގައި ފޮރުވައިގެން ގެންދިޔަ 602 ގްރާމްގެ މެތަމްފެޓަމިން ފެނިފައިވެއެވެ. މި ތަކެތި ފެނިފައިވަނީ ދެ ޕެކެޓަކަށް ބަހާލައި ސެލޯޓޭޕް އެޅުމަށްފަހު، އެއާޕޯޓުގެ ސެކިއުރިޓީއަށް އޮޅުވާލުމުގެ ގޮތުން ޖަނގިޔާގެ އެތެރޭގައި ފޮރުވައިގެން ދިގު ފަޓުލޫނެއް ލައިގެން ހުއްޓައެވެ.

އެނގިފައިވާގޮތުގައި ވައިގެމަގުން ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެކުރި މި މައްސަލައިގެ ތުހުމަތަށް އެ ގައުމުގެ ފުލުހުން ހައްޔަރުކުރީ ނ. ލަންދޫ ނިރު، ހަސަން އަބްދުﷲ އާއި ހ. ޕަލްމެއިރާ، މުހައްމަދު ޝާފީ ބިން އަހުމަދެވެ.

އެއާޕޯޓުން ހައްޔަރުކުރި މީހާއާ ސުވާލުކުރުމުން، އޭނާ އެ މަސްތުވާތަކެތި ގެނައީ ސްރީލަންކާގައި އައިސް ވިއްކައި އުޅޭ މައިގަނޑު ޑީލަރަކާ ހަވާލުކުރުމަށް ކަމަށް ބުނެފައިވެއެވެ. މި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޖުލައި 22 ވަނަ ދުވަހުގެ ރޭ ކޮލަމްބޯގެ ހޮޓަލަކުން ފުލުހުން ވަނީ އެ ނެޓްވޯކްގެ މައި ޑިސްޓްރިބިއުޓަރު ކަމަށް ތުހުމަތުކުރެވޭ 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުން 10 ގްރާމް އަދި 670 މިލިގްރާމްގެ އައިސް ފެނިފައިވެއެވެ.

ސްރީލަންކާގެ ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ދެ މީހުންނަކީވެސް އެ ގައުމުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކާ ގުޅުންހުރި ބައެކެވެ. މި މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިން ނިގަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ސްރީލަންކާގެ ފުލުހުން މިހާރު ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d