ސައުދީ އަރަބިއްޔާގައި މަސައްކަތްކުރާ ސްރީލަންކާގެ މީހަކަށް އިއްވާފައިވާ މަރުގެ ހުކުމް ސައުދީ ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ފާތިމަތު މިޝްކާ
SHARE
ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން ސައުދީ އަރަބިއްޔާގައި މަސައްކަތްކުރާ ސްރީލަންކާގެ މީހަކަށް އިއްވާފައިވާ މަރުގެ ހުކުމް ސައޫދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވާ ކަމަށް ސްރީލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރުން ހޭމަޗަންދްރަ ވިދާޅުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ އަނޯޖަން ސިވަރާސާގެ މައްޗަށް ސައޫދީގެ އިސްތިއުނާފީ ކޯޓުން މަރުގެ ހުކުމް އިއްވީ، އޭނާ ކުރި ކޮމެންޓެއްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ކަމަށް ސާބިތުވުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މި މައްސަލައާ ގުޅިގެން ސްރީލަންކާގައި ބޮޑު ސަމާލުކަމެއް އުފެދި، އޭނާއަށް މައާފް ހޯދައިދިނުމަށް ޑިޕްލޮމެޓިކް ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
ހޭމަޗަންދްރަ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައޫދީގެ އެންމެ މަތީ ކޯޓުން މި ހުކުމް ބާތިލުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި މިކަމުގައި ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކާއި ގާނޫނީ ޓީމުތަކުން ކުރި މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހިންދޫ ފާދިރީންތަކެއްގެ ފަހަތުން ދިޔަ ކުއްތާއެއްގައި މުސްލިމް ޒުވާނަކު ކޮޅުފައިން ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އުފެދުނު ދީނީ ބަހުސްތަކެއް އުފެދިފައިވެ އެވެ. އެ ބަހުސްގެ ތެރޭގައި މީހަކު ހިންދޫންގެ އިލާހަކަށް ފުރައްސާރަކޮށް ކުރި ކޮމެންޓަކަށް ރައްދު ދެމުން، ސިވަރާސާ ވަނީ ތަމަޅަ ބަހުން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
ސިވަރާސާ ވަގުތުން އެ ކޮމެންޓް ފޮހެލައި، މައާފަށް އެދި ވީޑިއޯއެއް އާންމުކުރި ނަމަވެސް، އެ ކޮމެންޓުގެ ސްކްރީންޝޮޓެއް އޭނާގެ ވަޒީފާދޭ ފަރާތަށާއި ސައޫދީގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައުމާ ގުޅިގެން، މިދިޔަ ޖުލައި މަހު އޭނާ ހައްޔަރުކުރިއެވެ.
މި މައްސަލާގައި އިތުރު ގާނޫނީ ފިޔަވަޅެއް އަޅާނެތޯ ނުވަތަ އޭނާ ބަންދުގައި ހުންނަންޖެހޭނީ ކިހާ ދުވަހަކަށްތޯ އަދި ހާމަކޮށްފައެއް ނުވެ އެވެ. ފުރަތަމަ އޭނާގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން މިލިއަން ސައޫދީ ރިޔާލުގެ ޖޫރިމަނާއެކެވެ. ސެޕްޓެމްބަރު 28 ގެ ފަހުން އޭނާއާ އެއްވެސް ސީދާ މުއާމަލާތެއް ކުރެވިފައެއް ނުވާކަމަށް އޭނާގެ އާއިލާއިން ބުނެފައިވެ އެވެ.
.jpg&w=3840&q=75)
.png&w=3840&q=75)
