ސައުދީގައި މަރުގެ ހުކުމް އިއްވާފައިވާ ލަންކާ މީހާ ސަލާމަތްކުރަން ނަޝީދު އެހީތެރިވަނީ
ސައިފުﷲ އަލީ
.jpg&w=3840&q=75)
SHARE
ސައުދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ސިވަރާސާ އަނޯޖަން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި އިންސާނިއްޔަތަށްޓަކައި އެހީތެރިވެދެއްވާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ސްރީލަންކާގެ ގާނޫނީ ވަކީލުންގެ ޓީމަކާ ބައްދަލުކުރައްވައި ހާމަކުރައްވައިފިއެވެ.

ނަޝީދު މިކަން ހާމަކުރެއްވީ އަނޯޖަންގެ މައްސަލައިގައި އިންސާނީ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރުމުގެ ގޮތުން ސްރީލަންކާގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ ފައިޒާ މުސްތަފާއާއި އުޕުލް ކުމާރައްޕެރުމަ އެމަނިކުފާނާ ބައްދަލުކުރެއްވުމުންނެވެ.
އެ ބައްދަލުވުމުގައި ނަޝީދު ވަނީ އަނޯޖަން ކުރި އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެހެންނަމަވެސް އޭނާއަށް އެހީތެރިވެދެއްވަން ނިންމެވީ އިންސާނިއްޔަތަށްޓަކައި ކަމަށް ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުން ބޭއްވީ ދިވެހިރާއްޖޭގައެވެ. ރައީސް ނަޝީދުގެ އެހީތެރިކަމާއެކު ސައުދީ އަރަބިއްޔާގެ އިސް ވެރިންނާ ހަމައަށް އިންސާނީ އިލްތިމާސެއް ހުށަހެޅުމަށް މިހާރު ވަނީ ރޭވިފައެވެ.
އަނޯޖަންއަކީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވަޒީފާ އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ މީހެކެވެ. އޭނާ ހައްޔަރުކުރީ މީސްމީޑިއާގައި ކުރިއަށްދިޔަ ބަހުސެއްގައި، އިސްލާމްދީނަށް ފުރައްސާރަވާ ފަދަ ގޮތަކަށް ކޮމެންޓުކުރުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ސައުދީ އަރަބިއްޔާގެ ކޯޓަކުން ފުރަތަމަ އޭނާގެ މައްޗަށް އިއްވީ ސައިބާކްރައިމް ގާނޫނުގެ ދަށުން 5 އަހަރުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން 3 މިލިއަން ސައުދީ ރިޔާލުން އޭނާ ޖޫރިމަނާކުރިއެވެ.
ނަމަވެސް ސައުދީގެ ޕްރޮސެކިއުޓަރުން އެ މައްސަލަ އިސްލާމީ ޝަރީއަތުގެ ދަށުން އިސްތިއުނާފުކުރުމުން، އެޕެލެޓް ކޯޓުން ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. މި ހުކުމާ ގުޅިގެން ސްރީލަންކާ ސަރުކާރުން ދަނީ އޭނާ ސަލާމަތްކުރުމަށް ޑިޕްލޮމެޓިކް އަދި ގާނޫނީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހޭރަތު އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި ވިދާޅުވި ގޮތުގައި، ފައިޒާ މުސްތަފާއާއި އުޕުލް ކުމާރައްޕެރުމަ ވަނީ އަމިއްލަ ހަރަދުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެން ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވަން އެއްބަސްވެވަޑައިގެންފައެވެ. އެ ބޭފުޅުން ސައުދީގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަ ސައުދީ ރަސްގެފާނަށް ފޮނުއްވާ ޚާއްސަ މައާފުދިނުމުގެ ސިޓީފުޅެއް ހިފައިގެން، ޑެޕިއުޓީ ސްޕީކަރު ރިޒްވީ ސާލިހް އިސްވެ ހުންނަވައި ޕާލަމެންޓަރީ ވަފުދެއް ސައުދީއަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އިދިކޮޅު މެންބަރު މުޖީބު ރަހްމާން ވަނީ އެ ވަފުދުގެ އިސްކޮށް ހުންނަވަން ޖެހޭނީ ރައީސް ނުވަތަ ބޮޑުވަޒީރު ނުވަތަ ފޮރިން މިނިސްޓަރު ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
އަނޯޖަންއަކީ ސްރީލަންކާ ބިއުރޯ އޮފް ފޮރިން އެމްޕްލޯއިމަންޓުގައި ރަޖިސްޓަރީކޮށްގެން ގޮސް ހުރި މީހެކެވެ. އެހެންކަމުން މި މައްސަލައިގައި ހިނގާނެ ހުރިހާ ގާނޫނީ ހަރަދެއް ހަމަޖައްސާނީ ސްރީލަންކާ ސަރުކާރުން ކަމަށް މިނިސްޓަރު ހޭރަތު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މިނިސްޓަރު ހޭރަތު އިތުރަށް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް މަހު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި އަނޯޖަންގެ ހުކުމް ލުއިކޮށްދެއްވުމަށް އެދިވަޑައިގަންނަވާނެއެވެ. މިހާރު އޮތީ ސައުދީގެ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމަށް ލިބިފައިވާ 1 މަސް ދުވަހުގެ މުއްދަތެވެ.

