logo

ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް ބިނާކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ސައިފުﷲ އަލީ

25 ޖުލައި 2026 - 14:48
ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް ބިނާކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

SHARE

ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް ހެދުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑެވެލޮޕްމަންޓްގައެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަލްއުސްތާޛް ޔޫސުފް ޢަބްދުލްޢަފޫރެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީއެވެ.

މި މަޝްރޫޢުގެ ދަށުން، 29,490 އަކަފޫޓުގެ ސަރަހައްދެއްގައި 14 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތުގެ ތެރޭގައި ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓު، ފެމިލީ ކޯޓު، ހައި ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފީސްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބޮޑު މަޝްރޫޢަކީ 699.86 މިލިއަން ރުފިޔާއަށް، 720 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކޮށް ނިމުމުން، ޝަރުޢީ ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދުމުގައި އާންމު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި، ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d